ރާއްޖޭގައި ޔޫރަޕް އިންވެސްޓަރުން އިތުރު ކޮށް ޔޫރަޕް ގައުމުތަކާއެކު ޓްރޭޑް ކުރާނެ ގޮތް ތަކާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ފަށައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީ އާއި ޔޫރަޕިއަން ޔޫނިއަންގެ ވަފުދަކާއެކު "އިންވެސްޓިން އިން ދަ މޯލްޑިވްސް" ނަމުގައި މިއަދު ހެނދުނު ހޮޓެލް ޖެން ގައި މި ބައްދަލުވުން ވަނީ ފަށާފަ އެވެ.
ފައްޓަވައިދެއްވުމުގެ ގޮތުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވަނީ ރާއްޖޭގައި އިންވެސްޓް ކުރުމުގައި އާއި ޓްރޭޑް ކުރުމުގައި ރަނގަޅުކުރަން ރާއްޖޭން ވިސްނާ ކަންކަމާއި ދިމާވާ ބައެއް ދަތިތަކާ ބެހޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
އެގޮތުން، ރާއްޖޭގެ ފަތުރުވެރިކަމުގައި ޔޫރަޕްގެ ހިއްސާ ބޮޑު ކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް އިތުރަށް ފުޅާ ކުރުމުގެ ގޮތުން ޔޫރަޕް ގައުމުތަކަށް ޓާގެޓް ކުރާ ކަމަށެވެ. 49-50 ޕަސެންޓު ޓޫރިސްޓުންނަކީ ޔޫރަޕް ގައުމުތަކުން އަންނަ މީހުންނަށް ވާއިރު ފަތުރުވެރިކަމުގައި އާ މާކެޓުތައް ތައާރަފު ވިޔަސް ރާއްޖޭގެ ޓްރެޑިޝަނަލް މާކެޓް ތަކަކީ ޔޫރަޕް ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރާއްޖޭގެ އިކޮނޮމީގައި ފަތުރުވެރިކަމުގެ ހިއްސާ އިތުރުކުރަން މަސައްކަަތް ކުރާއިރު ޔޫރަޕު ގައުމުތަކާ ގުޅުން ބަދަހިކުރާނެ ކަމަށް ވިދާޅުވި އެވެ.
![](https://images-01.avas.mv/post/big_zTGe7RleS0Du7iE8A7GgpInI2.jpg)
![](https://images-01.avas.mv/post/big_yNrV1xdG1LJAsdceftPS5w6Vv.jpg)
އީޔޫ އަކީ ރާއްޖޭގެ މައި އެއް ޓްރޭޑިން ޕާޓްނަރަށް ވިޔަސް ޔޫރަޕްގެ ގަައުމުތަކަށް އެކްސްޕޯޓް ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. ރާއްޖޭން އެއްޗެހި އެކްސްޕޯޓް ކުރާ މިންވަރު ފުޅާ ކޮށް އިތުރު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ކުރިމަތިވާ މައްސަލަތައް ކުރިއަށް ހުރި އަހަރުތަކުގައި ހައްލު ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އުއްމީދަކީ ކުރިއަށް އޮތް އަހަރުތަކުގައި މި މައްސަލަތައް ހައްލުުކޮށް ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ މިންވަރު ޔޫރަޕްގެ ގައުމުތަކަށް އިތުރުކުރުން" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުންވެސް، ރާއްޖޭގައި ޕްލާސްޓިކް ނައްތާލަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ހަކަތަ އުފެއްދުމަށް މަސައްކަތް ކުރާ ކަންވެސް ޔޫރަޕް އިންވެސްޓަރުންގެ ސަމާލުކަމަށް ވަނީ ގެނުވާފަ އެވެ. އަދި މި ސަރުކާރުގެ މައިގަނޑު އެއް މަގްސަދަކީ 2023 އަންނަން ވާއިރަށް ޕްލާސްޓިކާ ދުރަށް ދިއުން ކަން ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގެ އެންމެ ބޮޑު ބޭނުމަކީ ރާއްޖެ އަށް ޔޫރަޕްގެ އިންވެސްޓަރުން އިތުރު ކުރާނެ ގޮތްތަކާއެކު އެއް ތަނެއްގައި ތިބެ މަޝްވަރާ ކޮށް، އެކަންކަން މަގުފަހި ކުރަން ސަރުކާރުން ޕޮލިސީ ލެވެލްގައި ކުރަންޖެހޭ ކަންކަން ކުރުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
![](https://images-01.avas.mv/post/big_PvNAqbWguYwnhQMvQwzon7mkw.jpg)
މިއަދު ކުރިއަށްދާ މި ބައްދަލުވުމުގައި ރާއްޖޭގެ އިކޮނޮމިކް އޯވާ ވިއު އަކާއެކު ޔޫރަޕް ގައުމުތަކުން ރާއްޖެ އަށް އިންވެސްޓް ކުރާނެ ފުރުސަތުތައް ޕްރެޒެންޓޭޝަންގެ އެހީގައި ދައްކުވައިދޭން ވަނީ ހަމަޖެހިފަ އެވެ. މި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު އިންވެސްޓްކޮށްފައި ތިބި ޔޫރަޕް އިންވެސްޓަރުންގެ އިތުރުން އެކި އިންވެސްޓަރުންވެސް ބައިވެރިވެ އެވެ.