ދިވެހި ރާއްޖެއާ ޗައިނާގެ ގުޅުން

ޗައިނާ އެމްބަސީ އެޅުމަށް ހުޅުމާލެއިން ބިން ދީފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކުރާ ޑިޕްލޮމެޓިކް އެންކްލޭވް ސަރަހައްދުން ޗައިނާގެ އެމްބަސީ އެޅުމަށް ބިން ދޫކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި ޗައިނާ އެއްބަސީއަށް ހުޅުމާލެއިން ބިން ދޫކުރި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެ ލިޔުމާ ހަވާލުވީ ޗައިނާ ސަފީރު ޖަންގް ލިޖޮންގް އެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޑިޕްލޮމެޓިކް އެންކްލޭވްއެއްގެ ގޮތުގައި ވަކި ސަރަހައްދެއް ކަނޑައަޅައި، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓިކް މިޝަންތައް އެސަރަހައްދުގައި ގާއިމްކުރުމަށް ނިންމާފައިވަނީ އެހެން ގިނަ ގައުމުތަކެއްގައިވެސް އެކަން ކުރާ އުސޫލުން، އެމްބަސީތަކަށް ސަލާމަތާއި ރައްކާތެރިކަން ދިނުމަށް ފަސޭހަޔަކަށް ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޑިޕްލޮމެޓިކް އެންކްލޭވް ގާއިމްކުރެވެނީ މާލޭއަކީ މިހާރުވެސް ވަރަށް ބޮޑަށް ތޮއްޖެހިފައިވާ ތަނަކަށްވުމާއިއެކު، ރާއްޖޭގައި ކުރިއަށް އޮތްތަނުގައިވެސް ގިނަ ގައުމުތަކެއްގެ ޑިޕްލޮމެޓިކް މިޝަންތައް ހުޅުވޭއިރު، ޖާގައިގެ ދަތިކަން އިންތިހާއަށް ކުރިމަތިވާނެތީ ކަމަށާއި، ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ދޫކުރުމުގައި އަމަލުކުރާނީ 'ރެސިޕްރޯސިޓީ' އުސޫލުން ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މީގެ ކުރިން ވަނީ އިންޑިއާ، ސްރީލަންކާ އަދި ބަންގްލަދޭޝްއަށް ޑިޕްލޮމެޓިކް އެންކްލޭވްއިން ބިން ހަމަޖައްސާދީފައެވެ.

އަދި އިންޑިއާގެ އާ ހައިކޮމިޝަން އިމާރާތް އަޅަން ހުޅުމާލެއިން ދީފައިވާ ބިމުގައި އެ އިމާރާތުގެ ބިންގާވެސް ވަނީ އަޅާފައެވެ.

އެހެން ގައުމުތަކެކޭ އެއްފަދައިން، ޑިޕްލޮމެޓިކް މިޝަންތައް ހުންނަ ގޮތަށް ހުޅުމާލޭ ދެވަނަ ފިޔަވަހިން 30،000 އަކަފޫޓުގެ ސަރަހައްދެއް ވަނީ ކަނޑައަޅާފައި އެވެ. އެ ސަރަހައްދަށް ބޭރު ގައުމުތަކުގެ ހުރިހާ އެމްބަސީތައް ބަދަލު ކުރަން ވަނީ ނިންމާފަ އެވެ.