ހަބަރު

ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލަ ބަލަނީ

ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުން ކޮށްފައިވާ ކަންކަމާ ގުޅިގެން އެކަމުގައި ބައިވެރިވެވަޑައިގަންނަވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްސަލަތައް ބެލުމަށް މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފި އެވެ.

ޖޭއެސްސީގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ނިންމާފަައިވާއިރު ބަލަނީ ކޮން ފަނޑިޔާރުންގެ މައްސަލަތަކެއް ހާމައެއް ނުކުރެ އެވެ.

އެ ކޮމިޝަނުން ބުނީ ބަލަން ނިންމާފައިވަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރުކޮށްފައިވާ ކަންކަން ބެލުމަށް އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތަކުގައި ހިމެނިވަޑައިގަންނަވާ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ މައްސަލަތައް ކަމަށެވެ.

ޖޭއެސްސީއިން އެގޮތަށް ނިންމުމުގައި ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލަރ މަސައްކަތް ފުރިހަމަ ކުރުމަށްފަހު ހުށަހަޅާފައިވާ "އެސެސްމެންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓްގައު ފާހަގަކޮށްފައިވާ ނުކުތާތަކަށް ރިއާޔަތްކޮށްފައިވާ ކަމަށް ކޮމިޝަނުން ބުންޏެވެ. އޭނާ ވަނީ އެ ރިޕޯޓްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރަން ލަފާ ދެއްވާފަ އެވެ.

މި ތަހުގީގު ކުރިއަށް ގެންދާއިރު އިހުތިސޯސުން ބޭރުކޮށްފައިވާ އިތުރު ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ވެސް ތަހުގީގު ކުރާނެ ކަމަށް ޖޭއެސްސީއިން ބުންޏެވެ. އަދި ސުޕްރީމް ކޯޓުގެ ބައެއް ދުސްތޫރީ މައްސަލަތަކުގައި ނިންމާފައިވާ ނިންމުންތަކާ ގުޅިގެން ޖޭއެސްސީގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމުގައި ކުރިމަތިވާ ދަތިތައް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއާ މަޝްވަރާ ކުރުމަށް ވަނީ ނިންމާފަ އެވެ.

ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަކޮށްފައިވެ އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށެހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއިދުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން ދައުލަތުން ކުރި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށްފަހު އެ ނިންމުން ތިން އަހަރު ފަހުން އަލުން ބަލައި ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ވެސް ޖޭއެއްސީގެ އެ ރިޕޯޓުގައިވެ އެވެ.

މީގެ އިތުރަށް ރިޕޯޓުގައި ބުނީ އިސްތިސްނާފުކުރުމުގެ މުއްދަތު ކުޑަކޮށް، އެ މުއްދަތާ ގުޅޭގޮތުން ކޯޓު ތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

އަދި ރައީސުންނާއި ނައިބު ރައީސުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސުންނާއި އަދި ފަނޑިޔާރުންގެ އިތުބާރު ނެތް ކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެ ނިންމުމެއް ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމަކީ ވެސް ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

މީގެކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. އޭނާ މިހާރު ވަނީ ފަނޑިޔާރު ކަމުން ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ، ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.