ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މަޖިލިހުން ބިލް ޑްރާފްޓް ކުރަން ރައީސް އެދިވަޑައެއް ނުގަންނަވާ

މި ދައުރަށް ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލްތައް، ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ މި ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ މަސައްކަތް މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އިރުޝާދާއެކު މަޖިލީހުން ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށާފައިވާކަން ވަނީ ހާމަކޮށްފަ އެވެ. މަޖިލީހުގެ ރައީސްގެ އެ ނިންމެވުމާއެކު ވަޒީރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ. އެއީ ގާނޫނު އަސާސީއިން މަޖިލީހަށް ލިބިދީފައިވާ ބާރެކެވެ. މަޖިލިސް އެހެން އެ ވިދާޅުވީ ބަންޑާރަ ނައިބާއި އެކަމާ ދެކޮޅު ހައްދަވާ އެހެން ވަޒީރުންނަށް ދެއްވި ރައްދެއްގެ ގޮތުގަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މިދައުރަށް 20 ބިލެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމަނިކުފާނަށް އަންގަވާފައި ވެއެވެ. އަދި އެކަމަށްޓަކައި ފޮނުވި ސިޓީގައި ހިމެނޭ ބިލްތަކުގެ ތެރެއިން، ސީދާ މަޖިލީހަށް އެ ބިލްތަކުގެ މަސައްކަތް ކުުރުމަށް ޖާގަ ނުދެނީ އާމްދަނީއާ ގުޅުން ހުރި ބިލްތަކުގެ މަސައްކަތް އެކަންޏެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއަކަށް ސަރުކާރުން އެކަމާއި ދެކޮޅު ހެދިޔަސް ބިލް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި މިހާރު ތަން ދެއެވެ. އަދި އެމްޑީޕީއަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ކަމަށްވާތީ އެމްޑީޕީގެ މެމްބަރުންނަކީ ސަރުކާރު މެމްބަރުންނެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށައަޅާ ބިލްތައް، ރައްޔިތުންގެ މަޖިލީހުން ޑްރާފްޓް ކުރަން އެދިވަޑައިގެން ރައީސް ސާލިހް، މަޖިލީހަށް ސިޓީފުޅެއް ފޮނުއްވާފައި ނުވާނެ ކަމަށެވެ. އޭގެ ބަދަލުގައި ރައީސް އެދިވަޑައިގެންނެވީ ބިލްތަކުގެ މަސައްކަތްތައް އަވަސް ކޮށްދެއްވުމަށެވެ. އޭނަ އަދި ވިދާޅުވީ ސަރުކާރުން ހުށައަޅާ ބިލްތައް ޑްރާފްޓް ކުރަމުން ގެންދާނީ ސަރުކާރުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އެ ނިންމުމާއި މެދު ކަންބޮޑުވުން ފާޅުކޮށް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ވާހަކަފުޅު ދައްކަވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒު ކުރާނެ ހަމަތައް ބަޔާން ކުރާ އެއް ވަސީލަތެވެ. އަދި "ނަޒާހަތްތެރި މަޖިލީހަކުން" އެ ފުރުސަތު ސަރުކާރަށް ފަހި ކޮށްދޭން ޖެހޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.