ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލަ ބޮޑުވެފައި ވަނިކޮށް، އެ ރިޕޯޓްގެ މަގުސަދަކީ އިސްލާމް ދީނާމެދު ނަފްރަތު އުފައްދައި ދީން ބަލިކަށި ކުރުން ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ދީނީ އިލްމުވެރިޔާ ހުސައިން ރަޝީދު އަހުމަދު ލިޔުއްވާފައިވާ "ޞަހީހު މުސްލިމްގެ ދިވެހި ތަރުޖަމާ އާއި ޝަރަހަ" އިގެ 10 ވަނަ ބައި ނެެރެން ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މުޅި ގައުމު ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި ރައީސް ނަޝީދު ވިދާޅުވީ އެ މަނިކުފާނު އެ ރިޕޯޓް އެއްކޮށް ވިދާޅުވެފައިވާ ކަމަށާ އެ ރިޕޯޓް ލިޔުނު މީހުން ރިޕޯޓްގައި އިސްލާމް ދީނަށް ނަފުރަތު އުފެއްދުމަށް ބަސްތަކެއް ބޭނުން ކޮށްފައިވާ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރިޕޯޓްގައި މާތް ރަސޫލާއަށް ނިސްބަތްކޮށް ލިޔެފައިވާ ބައިތަކުގައި ރަސޫލާއަށް ދޭންޖެހޭ އިހުތިރާމް ދީފައި ނެތުމާއި، ބައެއް ބަސްތައް ބޭނުން ކޮށްފައިވާ ގޮތް ރަނގަޅު ނޫން ކަމަށެވެ.
ނަޝީދު ވަނީ އެހެން މެދުވެރިވީ ކަމަށް ފެންނަ ސަބަބުތައްވެސް ވިދާޅުވެ ދެއްވާފައެވެ.
"އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއް. އެއީ ވާގޮތެއް ބައެއް ޔުނިވާސިޓީތަކުގައި ގިނަ ދުވަހު ކިޔަވާފަ ހުރުމުން." އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ދީނީ ބޮޑު މައްސަލައަކަށް ލިޔާއިރު، އެކަމަށް ފުރިހަމައަށް އަހުލުވެރި ނުވެ ލިޔުމުން އެފަދަ ބައެއް ކަންކަން ދިމާވެދާނެ ކަމަށް އެމަނިކުފާނު ގަބޫލު ކުރައްވާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ 47 މެންބަރުން ވެސް ރިޕޯޓްގައި ހުރި ބަހުރުވަ ކުށްވެރި ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ ރާއްޖޭގައި ހުރި މައްސަލަތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެއް ކަމަށެވެ.
"އެމްޑީއެންގެ ރިޕޯޓް މި އިޝާރާތް މި ކުރަނީ މުޖްތަމައުގައި ހުރި މައްސަލަތަކުގެ މައްޗަށް. އެ މައްސަލަތަކާ އަދި ހަނގުރާމައަށް ގެންދިއުމަށް އިސްލާމްދީން ބޭނުން ކުރާ ގޮތް." ނަޝީދު ވިދާޅުވި އެވެ.
އަޅުގަނޑު ދެކޭގޮތުގައި އެ ރިޕޯޓް ލިޔުނު ކުދިންވެސް އެއްވެސް ހާލެއްގައި އެ ބަސްތައް ބޭނުން ކޮށްފައި އެވަނީ އެ މާނާގައި ކަމަށް އަޅުގަނޑަކަށް ނުފެނުނު އެ ރިޕޯޓް ކިޔައިގެނެއް. އިނގިރޭސި ބަހުން އެއްޗެއް ލިޔާން ވެގެން އުޅެނިކޮށް ވެފާ ހުރި ގޮތެއްމުހައްމަދު ނަޝީދު | ރައްޔިތުންގެ މަޖިލީހުގެ ރައީސް
އެމްޑީއެންގެ ރިޕޯޓް ދިފާއު ކުރައްވާ ނަޝީދު ވާހަކަ ދެއްކެވިއިރު، އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނުގެ އަސާސްތަކާއި ހިލާފު އެތައް ވާހަކަތަކެއް ހިމަނާފައިވެ އެވެ. އަދި މާތް ރަސޫލާއަށް ނިސްބަތްކޮށް ބޭ އަދަބީ ބަސްތައް ބޭނުން ކޮށްފައިވެ އެވެ.
އެގޮތުން "ކީރިތި ރަސޫލާ ވަނީ އެކަލޭގެފާނުގެ ދީނީ ރައުޔު ނޫން ރައުޔަކަށް އުޅޭ މީހަކީ ހައްދުފަހަނަ އަޅާފައިވާ މީހެއް ގޮތުގައި ކަނޑައަޅާފައި" ކަމަށް އެ ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އެއީ ހަރުކަށި ފިކުރުގެ މީހުންގެ ފަރާތުން ވެސް ފެންނަ ކަމެއް ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން އިސްރާއާ މިއުރާޒުގެ މާތް ދަތުރުފުޅާ ގުޅޭގޮތުން ވެސް އަސާސެއް ނެތް ވާހަކަތައް އެ ރިޕޯޓްގައި ހިމަނާފައި ވެއެވެ.
އެ މައްސަލަ ތަހުގީގު ކުރުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ފުލުހަށް މައްސަލަ ހުށައަޅާފައެވެ. އަދި އެ މިނިސްޓްރީން ވަނީ އެމްޑީއެންގައި ތިބީ ބޭރުން ފަންޑުން ކޮށްގެން ވަކި އެޖެންޑާއެއް ހާސިލްކުރަން މަސައްކަތް ކުރާ ބައެއް ކަމަށްވެސް ބުނެފައެވެ.
ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ އެމްޑީއެންއިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލާގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސް ސޯލިހުވެސް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަމުގެ ޔަގީންކަން ދީނީ އިލްމުވެރިނަށް ވެސް ވަނީ ދެއްވާފަ އެވެ.
އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައި ކަންކަން
- މާތް ﷲ ގެ މަތިވެރި ޒާތުފުޅާއި، އެ އިލާހުގެ ސިފަފުޅުތަކާމެދު ޝައްކު އުފެއްދުން
- ﷲ ވޮޑިގެންވާކަމީ ޝައްކެއް އޮތްކަމެއް ނޫންކަމަށް ބުނެފައި އޮތުމުން، އެކަމަށް އިންކާރުކުރުން
- ކީރިތި ރަސޫލާ صلى الله عليه وسلم ހަދީސްފުޅުތަކުގައިވާ ކަންކަމުގައި ޝައްކު އުފައްދައި އެބަސްފުޅުތައް ދޮގުކޮށް، އިސްލާމީ ޝަރީއަތަކީ އުނި، ޒަމާނަށް ނުފެތޭ އެއްޗެއްކަމުގައި ދެއްކުން
- ގުރްއާނަށް އެއްވެސް އުނި އިތުރުކަމެއް އައިސްފައި ނުވާކަމަށް ބުނާ ވާހަކައަކީ، ހަމައެކަނި މުސްލިމުންގެ ޚިޔާލުކަމުގައްޔާއި، އެއީ ތެދު ޙަޤީޤަތެއް ނޫން ކަމަށް ބުނުން
- ހައްދުފަހަނައެޅުމާއި ތަކުފީރީ ފިކުރަށް ހަދޫސް ތަކުގައި ބާރުއަޅާފައިވާކަމަށް ބުނެ، އެކަލޭގެފާނުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވުން އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކީރިތި ރަސޫލާ صلى الله عليه وسلم އަށް ލޯބިވާން ޖެހޭނެކަމަށް އޮތުމަކީ ކަންބޮޑުވާ ކަމެއްކަމުގައި ހާމަކޮށްފައި ވުން
- އެކަލޭގެފާނަށް ފާޑުކިޔުމީ ވެސް ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން އޮންނަންޖެހޭ ފުރުސަތެއް ކަމުގައި ބުނެފައި އޮތުން
- ރާއްޖޭގެ އިސްލާމީ މުގައްރަރު ކިޔަވާ ކުދިންގެ ހިތުގައި އިސްލާމީ ޢަޤީދާއަށް ލޯބި ޖެހުމުގެ ސަބަބުން، ޝިރުކާއި ކުފުރުގެ އަހުލުވެރިންނާމެދު، ނަފުރަތު އުފެދޭނޭކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
- ކައިވެނިން ބޭރުން ހިނގޭ ޖިންސީ ގުޅުންތަކަކީ ދީން ހުއްދަ ކުރާކަމެއް ނޫންކަމުގައި އޮތް އޮތުމަށް ފާޑުކިޔުން
- ޒިނޭއާއި ލިވާތުފަދަ ކަންކަމާ ގުޅޭ ފިލާވަޅުތަކުގައި އެކަންކަމަކީ ހަރާމްވެގެންވާ ހަޑިމުޑުދާރު އަމަލުގެ ގޮތުގައި ސިފަކުރެވިފައި ހުރުމުން، އެ ފިލާވަޅުތަކަށް ފާޑުކިޔުން
- އިސްލާމް މުގައްރަރުގެ ސަބަބުން "އިންޓަފެއިތް ޑައިލޮގު" (ހުރިހާ ދީންތައް އެއްކުރުމަށް ގޮވޭގޮވުންތަކަށް) ހުރަސްއެޅޭކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރުން
- އިސްލާމް ދީނަށް ލޯބި ޖައްސުވާގޮތަށް ކިޔަވައިދިނުމުގެ ބަދަލުގައި، އެކުދިން އުޅޭނެ ދީނެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު އެކުދިންނަށް ދޭން ޖެހޭނެކަމަށް ބުނުމާއި، އިސްލާމް މުގައްރަރުން އެކުދިން ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅޭކަމަށް ބުނެ ފާޑުކިޔުން
- އަހުމަދީ ގާދިޔާނިއްޔާއަކީ އިނގިރޭސީން އުފައްދާފައިވާ ކުފުރުގެ މަޒުހަބެއްކަމުގައި އޮތުމުން ދަރިވަރުންނަށް "ތަކްފީރު" ކުރަން ދަސްކޮށްދޭ ކަމަށް ބުނުމާއި، އެކަމުގެ ސަބަބުން ހައްދުފަހަނައަޅައި ދިޔުމުގެ ފިކުރު ދަރިވަރުންގެ ހިތުގައި އުފެދޭކަމުގައި ބުނުން
- ސުންނީ އިސްލާމަކީ ހަމައެކަނި ޞައްޙަ މަޛުހަބުކަމުގައި އުނގަންނައިދީ، މަގުފުރެދިފައިވާ އެހެނިހެން ފިކުރުތަކަށް ފުރުސަތު ނުދިނުމާއި، ސޫފިޒަމްއާއި ޝީއީންގެ އަގީދާއާ ގުޅޭ ތައުވީލުތައް އެއްގޮތަކަށްވެސް އުނގަންނައި ނުދޭތީ ކަންބޮޑުވުން
- ޔަހޫދީންގެ ނުބައިކަމުގެ ވާހަކައާއި، ނަބިއްޔާ صلى الله عليه وسلم ގަތުލު ކުރުމަށް ޔަހޫދީން ކޮށްފައިވާ މަސައްކަތްތައް ފިލާވަޅުތަކުގައި ބަޔާންކޮށްފައިވާތީ ކަންބޮޑުވެ ފާޑުކިޔާފައިވުން
- މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގާފައިވާ އަދި ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ވާހަކަ އިސްލާމީ ތާރީޚާ ބެހޭ ފިލާވަޅުތަކުގައި ހުރުމީ ރުޅިވެރިކަމާއި ނަފުރަތު އުފައްދާކަމެއް ކަމުގައި ބުނެ ކަންބޮޑުވުން ފާޅުކުރުން
- ހުޅަނގުގެ ފިކުރީ ހަނގުރާމައަކީ އިސްލާމް ދީނާ ދެކޮޅަށް ކުރެވޭ ހަނގުރާމައެއް ކަމުގައި އޮތުމުން ދަރިވަރުންގެ ހިތްތަކުގައި "ތަކްފީރީ" ފިކުރު އުފައްދާކަމުގައި ބުނުން
- ޑިމޮކްރަސީ އަށްވުރެ އިސްލާމީ ޝަރީއަތް އިންސާނިއްޔަތަށް ރަނގަޅުވެގެންވާކަމުގައި ބުނެފައި އޮތުމުން އެކަމަށް އިންކާރުކުރުން
- ހިޔުމަން ރައިޓްސް އެންމެ ފުރިހަމައަށް އޮތީ އިސްލާމް ދީނުގައިއޭ ބުނެފައި އޮތުމުން އެކަމަށް ފާޑުކިޔުން
- ހައްދުތަކާއި ގިސާސްއާއި މަރުގެ ޙުކުމާގުޅޭ ގޮތުން ހުރި ފިލާވަޅުތަކަށް ފާޑުކިޔުން
- އިސްރާއާއި މިއުރާޖުގެ ދަތުރުފުޅަކީ ފުލޯކު ވާހަކައެއް ކަމަށް ޞިފަކުރުން
- އިސްލާމްދީނަކީ ސުލްހަވެރި ދީނެއް ނޫންކަމަށް ދޭހަވާ މޭރުމުން މުޅި ބަޔާނުގެ ރާގު ބައްޓަންކޮށްފައިވުން
- ހުކުރު ހުތުބާތަކުގައި ނަރަކައާއި ކަށްވަޅާއި، ޢަމަލުތަކުގެ ފަތުގެ ވާހަކަ ހުންނާތީ އޭގެސަބަބުން ބިރުވެރިކަން އުފެދޭކަމުގައި ބުނެ އެކަމަށް ފާޑުކިޔުން
- އިންސާނީ އެހެނިހެން ނަޡަރިއްޔާތަކާއި އައިޑިއޮލޮޖީފަދައިން އިސްލާމްދީނަކީ ޚިޔާލީ ފުލޯކުތަކެއްގެ މައްޗަށް ބިނާވެފައިވާ ފިކުރެއްކަމުގައި ވިސްނައިދިނުމަށް މުޅިރިޕޯޓް ފަރުމާކޮށްފައިވުން
- ﷲ އާއި ރަސޫލާ صلى الله عليه وسلم އަކީ މުޤައްދަސްކަން ދޭންޖެހޭ 2ފަރާތް ނޫންކަމުގައި ވިސްނައިދިނުމަށް މަސައްކަތްކޮށްފައިވުން