އައިޝްވާރިޔާ ރާއީ

އައިޝްވަރިޔާ އެޅި ހެދުމަކާހެދި ހޫނު ބަހުސެއް!

ދާދިފަހުން އޮތް ޕެރިސް ފެޝަން ވީކްގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ އައިޝްވަރިޔާ ރާއީ އެޅި ހެދުމަކާ ހެދި ފެޝަންގެ ދުނިޔޭގައި މަސައްކަތް ކުރާ ގިނަ ބަޔެއްގެ މެދުގައި ހޫނު ބަހުސްތަކެއް މިހާރު ވަނީ ފެށީފަ އެވެ.

ފެޝަން ޝޯތަކުގައި އާއްމުކޮށް މޮޑެލުން ލާ ހެދުންތަކާ މިފަހަރު އައިޝްވަރިޔާ އެޅި ހެދުން ތަފާތެވެ. އަދި އޭނާ އަރައިގެން ހުރި ފައިވާނާއި އިސްތަށިގަނޑު ހަދާފައި ހުރި ގޮތް ވެސް ވަރަށް ތަފާތެވެ. އެހެންވެ އެއްބަޔަކަށް މިއީ އެއްގޮތަކަށް ވެސް ހަޖަމު ކުރެވޭ ވަރުގެ ކަމަކަށް ނުވި އެވެ. މިކަމާ ވާހަކަ ދެއްކި ގިނަ މީހުން އެއްޗެތި ގޮވީ އައިޝްވަރިޔާގެ ސްޓައިލިސްޓަށެވެ.

ސެލެބްރިޓީ ޑިޒައިނާ ވެންޑެލް ރޮޑްރިކްސް އައިޝްވަރިޔާގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރަމް އެކައުންޓްގައި ޝެއާކޮށް ލިޔެފައިވާ ކޮމެންޓްގައި ލިޔެފައިވާ ގޮތުގައި އައިޝްވަރިޔާ ޝޯއަށް ތައްޔާރުކުރި ސްޓައިލިސްޓް ވަގުތުން ވަޒީފާއިން ވަކިކުރަން ޖެހެ އެވެ.

"ލޯރެއާލް، ދުނިޔޭގަ މިހާރު ހުރި އެންމެ ރީތި އެއް ބަތަލާ ލިބުނީމަ ވެސް ތިއީތަ ތި މީހުން މޭކަޕް ކުރުވައި ހެދުން އަޅުވާ ގޮތަކީ؟ އެ ހަޑި ހެދުން އެޅުވި ސްޓައިލިސްޓް އަވަހަށް ވަޒީފާއިން ވަކި ކުރޭ،" ޑިޒައިނާ ލިޔެފައި ވެއެވެ.

ކަރިޝްމާ ކަޕޫރާއި ޖާންވީ ކަޕޫރު އަދި ޕޫޖާ ހެގްޅޭ ފަދަ ބަތަލާއިންގެ ސްޓައިލިސްޓް އީޝާ އަމީން ބުނި ގޮތުގައި ރެޑް ކާޕެޓާއި ފެޝަން ޝޯތަކުގައި އަޅާ ހެދުމަކީ ހަމައެކަނި ސްޓައިލިސްޓްގެ ޒިންމާ އެއް ނޫނެވެ. އެ ހެދުންއަޅާ މޮޑެލް އާއި ސްޓައިލިސްޓާ ދެ މީހުން އެއްވަރަކަށް މީގައި ޒިންމާ ނަގަން ޖެހެ އެވެ. ޚާއްސަކޮށް އައިޝްވަރިޔާ ކަހަލަ މަޝްހޫރު ބަތަލާއަކު ހިތްހަމަނުޖެހޭ ކަހަލަ ހެދުމެއް އެޅުވުމަކީ އެއްވެސް ޑިޒައިނަރަކަށް ނުވަތަ ސްޓައިލިސްޓަކަށް ކުރެވިދާނެ ކަމެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

"އައިޝްވަރިޔާ އަކީ ވަރަށް ބާރުގަދަ ސެލެބްރިޓީ އެއް. އޭނާއަށް މަޖްބޫރު ކުރުވައިގެން އޭނާ ލާން ބޭނުން ނުވާ ކަހަލަ ހެދުމެއް އެޅުވިދާނެ ކަމަށް ގަބޫލު ކުރެވޭތަ؟" އީޝާ ބުންޏެވެ.

އީޝާ ބުނި ގޮތުގައި ސްޓައިލިސްޓުން އެމީހުން ސްޓައިލްކުރާ ސެލެބްރިޓީ އަކަށް ވަރަށް ގިނަ ހެދުންތައް ދައްކާނެ އެވެ. އަދި އޭގެން އޭނާ ބޭނުންވާ ހެދުމެއް ޚިޔާރު ކުރަން އެދޭނެ އެވެ. އެ ސެލެބްރިޓީއެއް ލާނީ އޭނާ ހިތްހަމަޖެހޭ ހެދުމެކެވެ. އެހެންވީމާ ގިނަ ބަޔަކަށް މާ ކަމުދާ ހެދުމެއް ސެލެބްރިޓީއެއް އަޅާ ފަހަރަކު ހަމައެކަނި ސްޓައިލިސްޓަށް އޭގެ ބަދުނާމް ލިބެން ނުޖެހޭ ކަމަށް އީޝާ ބުންޏެވެ.

އެމީހަކު ސްޓައިލްކޮށްދޭ ފަންނާނު އަޅާ ހެދުމަކީ މީގެ ކުރިން އެއްވެސް މީހަކު ލާފައި ހެދުމެއް ނޫންކަން ސްޓައިލިސްޓުން ޔަގީން ކުރަން ޖެހެ އެވެ. އަދި އެއާ ކިރިޔާ ވެސް ވައްތަރުހެން ހީވާ ކަހަލަ ހެދުމެއް ވެސް އެ ސެލެބްރިޓީއެއް ނުލެއްވުން އެއީ ވެސް ސްޓައިލިސްޓްގެ ޒިންމާ އެކެވެ. އަނެއްކޮޅުން އެ ހެދުމެއް ލައިގެން އުޅެން އުނދަގޫނަމަ އެކަން ސްޓައިލިސްޓް ކައިރީ ބުނެ އެކަމަށް ހައްލެއް ހޯދުން އޮންނަނީ ވެސް ސެލެބްރިޓީންގެ އަތްމަތީގަ އެވެ.

އައިޝްވަރިޔާ ނޫނަސް އެންމެ ފަހުން ބޭއްވި އައިފާ އެވޯޑު ހަފުލާގައި ދީޕިކާ ޕަދުކޯން އެޅި ހެދުމަށް ވެސް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވި އެވެ. އޭނާ ލީ ދޫނިފަތް ޖަހާފައިވާ ހެދުމަކީ މިހާތަނަށް އޭނާ އެޅި އެންމެ ހުތުރު ހެދުން ކަމަށް ވަރަށް ގިނަ ސްޓައިލިސްޓުން ބުނެފައި ވެއެވެ.