ތުރުކީ

ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށް ތުރުކީން ހަމަލާދީފި

އުތުރު ސީރިއާގެ ބޯޑަރުގައި ވަކި ދައުލަތެއް ހެދުމުގެ ބޭނުމުގައި ގާއިމްވެގެން އުޅޭ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީ ވިލާތުން ހަމަލާދީފި އެވެ.

އަސްކަރީ ހަމަލާތަކެއް ކުރުދީ ހަނގުރާމަވެރިންނަށް އަމާޒު ކޮށްގެން ދީފައިވާކަން ތުރުކީގެ ޑިފެންސް މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ގައުމުގެ ޑިފެންސް މިނިސްޓްރީން ބުނީ، އެއްގަމު މަގުން ކުރުދީންނަށް ދިން ހަމަލާގައި 181 މީހަކަށް އަމާޒުވެފައިވާ ކަމަށެވެ. އުތުރު ސީރިއާ ބޯޑަރުގައި ތުރުކީން ހަރަކާތްތެރިވާން ފެށީ، ކުރުދީ ހަނގުރާމަވެރިންގެ ސަބަބުން ތުރުކީގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް ބުނެ އެވެ.

ތުރުކީން ބޭނުންވަނީ ކުރުދީ ހަނގުރާމަވެރިން އެ ގައުމުގެ ބޯޑަރާ 30 ކިލޯމީޓަރާ ދުރަށް ފޮނުވާށެވެ. މީގެ ކުރިން ކުރުދީ ސިފައިންނާ ދެކޮޅަށް ހަރަކާތްތެރިވީ އެމެރިކާގެ ސިފައިންނެވެ. އެމެރިކާ ސިފައިން ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް އެކަށީގެންވާ ވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، ތުރުކީން ވަނީ އަސްކަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދަން ނިންމާފަ އެވެ. އަދި އެ ފުރުސަތު އެމެރިކާއިން ވަނީ ތުރުކީއަށް ދީފަ އެވެ.

ނަމަވެސް މިހާ އަވަަހަށް ކުރުދީ ހަނގުރާމަވެރިންނަށް އަމާޒުކޮށްގެން ހަމަލާ ދޭން ފެށުމުން އެމެރިކާ ވަނީ ހިތްހަމަނުޖެހިފަ އެވެ. ކުރުދީންނަށް ހަމަލާ ދޭން ފެށުމުން ސީރިއާގެ ސިފައިން ވަނީ ބޯޑަރު ކައިރިއަށް ޖަމާވާން ފަށައިފަ އެެވެ. ކުރުދީ ހަނގުރާމަވެރިންނަކީ އެމެރިކާ އާއި ސީރިއާގެ މަދަދުގައި އުޅެމުންދާ ޖަމާއަތެކެވެ.