ޑރ. މުހައްމަދު ޖަމީލް އަހުމަދު

ނަޝީދާއި ރައީސްގެ ކޯޅުމުގައި ސަރުކާރު ޕެރެލައިޒް ވެދާނެ: ޖަމީލް

Oct 10, 2019
3

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ކޯޅުމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަމަށާއި، އެކަމުގެ ސަބަބުން ސަރުކާރު ޕެރަލައިޒް ވެދާނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހުގެ މި ދައުރަށް ހުށަހަޅަން ނިންމާފައިވާ ބިލްތަކުގެ މަސައްކަތް ނަޝީދުގެ އިރުޝާދާއެކު މަޖިލީހުން ޑްރާފްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަން ވަނީ ހާމަކޮށްފަ އެވެ. މަޖިލީހުގެ ރައީސްގެ އެ ނިންމެވުމާއެކު ވަޒީރުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

މިހާރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު އިދިކޮޅުގެ އިސް ސަފުގައި އުޅުއްވާ ޖަމީލް އެކަމާ ގުޅުވައި ވިދާޅުވީ މަޖިލީހުގެ ރައީސް ހާރިޖީ ސިޔާސަތުތަކުގެ ތެރެއަށް ވަނުމުން ދެ ސަރުކާރެއް އުފެދިގެންދާނެ ކަމަށެވެ.

"މަޖިލިސް ރައީސްގެ އަމަލުތަކުން ސަރުކާރު ޕެރަލައިޒްވެ، ބަޖެޓުގެ ކޮންޓްރޯލް ގެއްލި، ރައީސަކީ ރަމްޒީ މަގާމަކަށް ވެދާނެ،" ޖަމީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވި ގޮތުގައި ގާނޫނުތައް ހެދުމަށް ކުރަން ޖެހޭ އެންމެހާ މަސައްކަތެއް މަޖިލީހުގެ ތެރެއިން ކުރުމުގައި އެއްވެސް ހުރަހެއް ނެތެވެ. އެއީ ގާނޫނު އަސާސީން މަޖިލީހަށް ލިބިދީފައިވާ ބާރެކެވެ. މަޖިލިސް ރައީސް އެހެން އެ ވިދާޅުވީ ބަންޑާރަ ނައިބާއި އެކަމާ ދެކޮޅު ހައްދަވާ އެހެން ވަޒީރުންނަށް ދެއްވި ރައްދެއްގެ ގޮތުގަ އެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް 20 ބިލެއް އެމްޑީޕީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމަނިކުފާނަށް އަންގަވާފައި ވެއެވެ. އަދި އެކަމަށްޓަކައި ފޮނުވި ސިޓީގައި ހިމެނޭ ބިލްތަކުގެ ތެރެއިން، ސީދާ މަޖިލީހަށް އެ ބިލްތަކުގެ މަސައްކަތް ކުުރުމަށް ޖާގަ ނުދެނީ އާމްދަނީއާ ގުޅުން ހުރި ބިލްތަކުގެ މަސައްކަތް އެކަންޏެވެ.

ނަޝީދު ވިދާޅުވި ގޮތުގައި މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއަކަށް ސަރުކާރުން އެކަމާއި ދެކޮޅު ހެދިޔަސް ބިލް ހުށަހެޅޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި މިހާރު ތަން ދެއެވެ. އަދި އެމްޑީޕީއަކީ މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ ކަމަށްވާތީ އެމްޑީޕީގެ މެމްބަރުންނަކީ ސަރުކާރު މެމްބަރުންނެވެ.

ނަމަވެސް، އެކަމާ ގުޅޭގޮތުން، ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި، ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި އެ ތަންފީޒު ކުރާނެ ހަމަތައް ބަޔާން ކުރާ އެއް ވަސީލަތެވެ. އަދި "ނަޒާހަތްތެރި މަޖިލީހަކުން" އެ ފުރުސަތު ސަރުކާރަށް ފަހި ކޮށްދޭން ޖެހޭނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.