ޕޮލިޓިކްސް

"ހިސާބު ގޯސް، ދެ ރައީސުން ކަންކަން ނިންމަވަނީ އެކުގައި"

Nov 30, 2019
9

ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް ކަމަށާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ހިޔާލު ތަފާތުވިޔަސް، ދެ ރައީސުން ކަންކަން ނިންމަވަނީ އެކުގައިކަމަށް، ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހުގެ އަރިހުގައި ނަޝީދު ރޭ ރަސްމީ ދަތުރުފުޅެއްގައި ޔޫއޭއީއަށް ވަޑައިގެންނެވިއިރު، ފްލައިޓް ތެރޭގައި ދެ ބޭފުޅުން ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވައި، ޖަމީލް ވިދާޅުވި ގޮތުގައި ދެ ރައީސުންގެ މެދުގައި ހިޔާލު ތަފާތު ވިޔަސް، ބަޖެޓާއި ބަދަލު ދިނުމާއި އަދި ޖުޑީޝަރީގެ ކަންކަން ނިންމަވަނީ ދެ ބޭފުޅުން އެކުގައި ކަމަށެވެ.

"ސިޔާސީ ބައެއް ލީޑަރުން ޖައްސަވާ ހިސާބު ގޯސް. ނިދިން ހޭލެވޭއިރު އޮންނާނީ ކަތިވަޅި ގެއްލި މަރިޔަނބު ވެސް ގެއްލިފައި،" ދެ ރައީސުންގެ ދެމެދުގައި އުފެދިގެން އުޅޭކަމަށް ތުހުމަތުކުރާ ހިޔާލު ތަފާތުވުންތަކަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ރައީސް ނަޝީދު އެކުގައި ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި އަބޫދާބީއަށް ވަޑައިގަންނަވަނީ އަބޫދާބީގެ ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދުގެ ދައުވަތަކަށެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދު ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާތައް ކުރާނެ އެވެ.

ކްރައުން ޕްރިންސްގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގެ މައިގަނޑު ސަބަބަކީ އަންނަ އާދިއްތަ ދުވަހު ބާއްވާ ކާރު ރޭހެއް ބައްލަވާލެއްވުމަށް ކަމަށް އެނގިފައިވެ އެވެ. މި ދަތުރުފުޅުގެ ހަރަދުތައް އަބޫދާބީގެ ސަރުކާރުން ކުރާއިރު ދެ ބޭފުޅުން ރޭ ފުރާވަޑައިގެންނެވީ ޕްރައިވެޓް ޖެޓެއްގަ އެވެ.

އަބޫދާބީއަށް ރައީސް ސޯލިހު ވަޑައިގަންނަވާއިރު އެމަނިކުފާނު މީގެ ކުރިން ވެސް ޔޫއޭއީއަށް ދަތުރުފުޅެއް ކުރެއްވި އެވެ.