އިއާދަކުރަނިވި ހަކަތަ

އިއާދަކުރަނިވި ހަކަތައާ ގުޅޭ ވޯކްޝޮޕެއް ފަށައިފި

އިއާދަކުރަނިވި ހަކަތައަށް ބަދަލު ކުރާއިރު އަޅަންޖެހޭ ފިޔަވަޅުތަކާބެހޭ ވޯކްޝޮޕެއް ސްޓެލްކޯގައި ފަށައިފި އެވެ.

ސްޓެލްކޯއިން ވަނީ މުޅި ރާއްޖެ 100 ޕަސެންޓު ރިނިއުބަލް އެނާޖީއަށް ބަދަލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް މި އަހަރު އިއުލާން ކޮށްފަ އެވެ. "ފިއުޗާ އޮފް އެނާޖީ ސިސްޓަމް" ގެ ނަމުގައި ބާއްވާ މި މަޝްވަރާ ބައްދަލުވުމުގައި ސްޓެލްކޯގެ މުވައްޒަފުންނާއި ހަކަތަ ފޯރުކޮށްދޭ ކުންފުނިތަކުން ބައިވެރިވެ އެވެ. އެގޮތުން ފެނަކަ އާއި އެނާޖީ މިނިސްޓްރީގެ ޕޮލިސީ ލެވަލް ބޭފުޅުން ހިމެނެ އެވެ.

މި މަޝްވަރާ ބައްދަލުވުން ކުރިއަށްގެން ދަނީ ސްޓެލްކޯ އާއި ރިނިއުބަލް އެނާޖީ ފޯރުކޮށްދޭ ފިންލޭންޑްގެ ކުންފުންޏެއް ކަމަށްވާ ވަޓްސިލާ ގުޅިގެންނެވެ.

އެ ކުންފީގެ ފަރާތުން ބައްދަލުވުމުގެ ބައިވެރިންނަށް އިއާދަކުރަނިވި ހަކަތަ އާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދެ އެވެ. އަދި 100 ޕަސެންޓް ރިނިއުބަލް އެނާޖީ އަށް ބަދަލުވާއިރު އަޅަންޖެހޭ ފިޔަވަޅު ތަކަކީ ކޮބައިިކަމާއި، ދެމެހެއްޓެނިވި ގޮތެއްގައި މިކަން ކުރުމަށް ރާއްޖެއަށް ހުރި ފުރުސަތުތަކާބެހޭ ގޮތުން މައުލޫމާތު ދެ އެވެ. މީގެ އިތުރުން އެނާޖީ ސްޓޯރޭޖް އާއި ހައިބްރިޑް ސޯލާ ޕަވާ އާ ބެހޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ސެޝަންތަކެއް ކުރިއަށްގެންދަން ވަނީ ނިންމާފަ އެވެ.

ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯއަކީ އެތައް ބަޔަކު ބަރޯސާ ވާ ކުންފުންޏެއް ކަމުން އެ ކުންފުނީގެ ސްޓްރެޓަޖީ ތަކުގެ ސަބަބުން އެހެން ކުންފުނިތަކަށް އަސަރު ކުރާނެ ކަމަށެވެ. އަދި ވަޓްސިލާ އާއެކު ޕާޓްނަރެއްގެ ގޮތުގައި މީގެ ކުރިންވެސް މަސައްކަތް ކޮށްފައިވާއިރު ސްޓެލްކޯ އިން މި ބަދަލު ގެންނަން އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެމްޑީ ވިދާޅުވި އެވެ.

"ސްޓެލްކޯގެ އަމާޒު ހާސިލް ކުރުމަށާއި ރަނގަޅު ނިންމުންތައް ނިންމުމަށް މިކަމާ ގުޅުން ހުރި މައުލޫމާތު ބޭނުންވޭ" މުޣުނީ ވިދާޅުވި އެވެ.

ސްޓެލްކޯގައި މިއަދު ފެށި މި ބައްދަލުވުމަކީ އެއް ދުވަހުގެ މައުލޫމާތު ބައްދަލުވުމެކެވެ.