ހަބަރު

ވީމީޑިއާއިން މުވައްޒިފުން ކަނޑާ މައްސަލަ އެމްއެމްސީން ބަލަނީ

ވިޔަފާރިވެރިޔާ އަދި ސިޔާސީ ލީޑަރު، ގާސިމް އިބްރާހިމްގެ މީޑިއާ ހައުސް "ވީމީޑިއާ" އިން ގިނަ އަދަދެއްގެ މުވައްޒިފުން ވަކިކުރާ މައްސަލަ ބަަލަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލްގެ އެ ނިންމުމެއް ނިންމީ އިއްޔެ ބޭއްވި ބައްދަލްވުމެއްގަ އެވެ.

މީޑިއާ ކައުންސިލުން ބުނީ ވީމީޑިއާގެ ގިނަ އަދަދެއްގެ ނޫސްވެރިން ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރަން ނުވަތަ ވަޒީފާ ގެއްލޭފަދަ ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެކަން ބަލައި ސާފުކުރަން ނިންމާފައިވާ ކަމަށެވެ. އެ ކައުންސިލުން ބުނަނީ އެކަން ބަލަނީ ނޫސްވެރިންނާ ގުޅުންހުރި މައްސަލައަކަށްވާތީ ކަމަށާއި ކައުންސިލްގެ މީޑިއާ ރިލޭޝަންސް ޑިވެލޮޕްމަންޓް ކޮމެޓީން އެކަންކަން ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެއެވެ. ނަމަވެސް އެ ކޮމެޓީން ކުރާނެ މަސައްކަތެއް ކުރާނެ ގޮތެއް ވެސް ނުބުނެ އެވެ.

އައިލެންޑް ބްރޯޑްކާސްޓިން ކޮންޕެނީގެ ދަށުން ހިންގަމުން ގެންދާ ވީމީޑިއާއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު އަމިއްލަ މީޑިއާ ހައުސް އެވެ. ވީމީޑިއާގެ ދަށުގައި ވީޓީވީ އާއި ވީއެފްއެމް ރޭޑިއޯ އާއި އޮންލައިން ނޫހެއް އޮވެ އެވެ. އަދި މީގެ ކުރިން "ވީކްލީ" ގެ ނަމުގައި ހަފުތާ މަޖައްލާއެއް ވެސް ނެރުނެވެ.

މުވައްޒިފުން މަދުކުރުމުގެ މަސައްކަތް ކުރަމުންދާކަން އެ ކުންފުނިން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ ތެރޭގަ އެވެ. އަދި އެ ފިޔަވަޅު އެޅުމަށް އެ ކުންފުނިން ދަނީ މިހާރު ތައްޔާރުވަމުންނެވެ. 86 މުވައްޒިފުން މަސައްކަތް ކުރަމުންދާ ވީމީޑިއާއިން 40 މުވައްޒިފުން ވަކި ކުރަން ނިންމާފައިވާ ކަން މެނޭޖްމެންޓުން ވަނީ އަންގާފައެވެ. ވަކި ކުރާ މުވައްޒަފުންގެ ތެރޭގައި ގިނަ އަދަދެއްގެ ނޫސްވެރިންވެސް ހިމެނެ އެވެ.

ވީމީޑިއާއިން ނޫސްވެރިން ވަކިކުރާ މައްސަލަ އެމްއެމްސީން ބަލަން ނިންމާފައިވާއިރު، އެމްއެމްސީގައި ވީމީޑިއާ ތަމްސީލްކުރާ މެންބަރަކު ވެސް ހިމެނެ އެވެ. އެމްއެމްސީގައި ވީމީޑިއާ ތަމްސީލުކުރަނީ މިވަގުތު އެ ސްޓޭޝަންގެ ނިއުސްރޫމް ހިންގަމުންދާ ޝިފްޒާ މުސްތަފާ އެވެ.