ވިޔަފާރި

ބޮޑެތި މަޝްރޫއުތަކާއެކު އެމްޓީސީސީ އަށް ފައިދާ

Oct 11, 2019
7

ރާއްޖޭގެ އެންމެ ގިނަ މަޝްރޫއު ހިންގާ އެއް ކުންފުންޏަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެމްޓީސީސީ އެވެ. އެ ކުންފުނިން މި އަހަރުގެ މިހާތަނަށް ވެސް 17 މަޝްރޫއެއްގެ މަސައްކަތް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އެ ކުންފުނީގެ މަޝްރޫއުތަކުގެ އަދަދު 38 އަށްވުރެ މަތިވެ، މި މަޝްރޫއުތަކުގެ އަގު ދެ ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. އެއާއެކު ވަނީ ކުންފުންޏަށް ފައިދާވާން ފަށާފަ އެވެ.

ބޮޑެތި ބައެއް މަޝްރޫއުތައް

  • ތ. މަޑިފުށީ ބަނދަރު : އަގު 52.2 މިލިއަން ރުފިޔާ
  • އއ. ރަސްދޫ ތޮށިލުން : އަގު 11.5 މިލިއަން ރުފިޔާ
  • ހއ. ހޯރަފުށީ އެއާޕޯޓަށް ބިން ހިއްކުން: އަގު 67 މިލިއަން ރުފިޔާ
  • ފަރެސްމާރޮޑާ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން: އަގު 51 މިލިއަން ރުފިޔާ
  • ކ. ހުރާ، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުން: އަގު 46 މިލިއަން ރުފިޔާ
  • ވ. ކެޔޮދޫ ބަނދަރު ހެދުން: އަގު 29 މިލިއަން ރުފިޔާ
  • ހއ. ކުޅުދުއްފުށީ ބަނދަރު ބޮޑު ކުރުން: އަގު 126,000,000ރ.
  • މާވަރު ލެގޫން ހިއްކުން: އަގު 31 މިލިއަން ރުފިޔާ
  • ހިމަންދޫ ބަނދަރު ހެދުން 43 މިލިއަން ރުފިޔާ

ޕްރައިވެޓް މަޝްރޫއުތައް ނަގަން ފެށުން

އެމްޓީސީސީގެ އާ މެނޭޖުމަންޓުން ވިޔަފާރިއަށް ގެނެސްގައިވާ ބަދަލާއެކު އެ ކުންފުނިން ވަނީ ވިޔަފާރި ކުރަން ޕްރައިވެޓް ސެކްޓާއަށް ވެސް ނުކުނަން ފަށާފަ އެވެ. ކުރިން ހަމައެކަނި ސަރުކާރުގެ މަޝްރޫއު ތަކަށް ބަރޯސާ ވެގެން އޮތް ކުންފުނި ޕްރައިވެޓް ސެކްޓާގެ މަޝްރޫއުތައް ނެގަން ފެށުމަކީ ކުންފުނީގެ ހިއްސާދާރުން ނަށް ލިިބިގެންދާނެ ހިތް ހަމަޖެހުމެވެ. ސަބަބަކީ ސަރުކާރުގެ ޕޭމަންޓްތަކަށް ބަރޯސާވުން ކުޑަކޮށް އަމިއްލަ ފައިމައްޗަށް ތެދުވަން މަގުފަހިވުމެވެ.

އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހް ވިދާޅުވެފައިވާ ގޮތުގައި މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކުންފުންޏަށް ގެއްލުން ވަމުން ދިޔަ ނަމަވެސް ސަރުކާރުގެ ސިޔާސަތު ތަކަށް ގެނައި ބަދަލުތަކާއެކު މިދިޔަ ޖުލައި މަހުން ފެށިގެން ކުންފުންޏަށް ފައިދާ ވާން ފަށާފައިވާ ކަމަށެވެ.

"އެމްޓީސީސީގެ މާލީ ހާލަތު މިދިޔަ ރިޔާސީ އިންތިހާބަށް ފަހުގައި އޮތީ ވަރަށް ދަށްކޮށް. އަޅުގަނޑު މަގާމާ ހަވާލުވި ފަހުން މިދިޔަ ޖޫން މަހާ ހަމައަށް ވެސް ދިޔައީ ކުންފުންޏަށް ގެއްލުންވަމުން، ނަމަވެސް ސަރުކާރގެ އެއްވެސް އެއްބާރުލުމާ އެކުގައި ޖުލައި މަހުން ފެށިގެން ކުންފުނި ހިނގަނީ ފައިދާގައި،" ޝާހް ވިދާޅުވި އެވެ.

ޝާހް ވިދާޅުވި ގޮތުގައި މީގެ ކުރީގެ ސަރުކާރުތަކުގައި އެމްޓީސީސީއާ ހަވާލު ކޮށްފައިވާ ނުވާ ކަހަލަ މަޝްރޫއުތަކެއް ވެސް މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވެއެވެ. އެ ގޮތުން ބައެއް ރަށްރަށުގެ ފުޓުބޯޅަ ދަނޑުތަކުގެ ބޭސްގެ މަސައްކަތް ހަވާލު ކޮށްފައިވެ އެވެ. އަދި ބައެއް ރަށްރަށުގެ ހޮސްޕިޓަލް ޑިޒައިން ކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ ހަވާލު ކޮށްފައިވެ އެވެ.