ސްރީލަންކާގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުން، ކޯސް ފުރިހަމަ ކުރުމަށް އެހެން ގައުމަކަށް ކިޔެވުން ބަދަލުކުރުމުގެ ފުރުސަތު ދިނުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.
އެ މިނިސްޓްރީން މިއަދު ބުނީ މަތީ ތައުލީމާއި ތަމްރީނަށް ދެވޭ ލޯނުގެ އެހީގައި ސްރީލަންކާގައި ޕައިލެޓް ޓްރެއިން ފުރިހަމަ ކުރަމުންދާ ދިވެހި ދަރިވަރުންނަށް ޕްރަގްރާމް ނިމޭނެ ތާރީޚެއް ނޭންގި ކޯސް ދިގުލައިގެން ގޮސް ކުރިން ކަނޑައަޅާފައިވާ މުއްދަތަށްވުރެ އިތުރުވެ އެގައުމުގައި ތިބެން ޖެހި އިތުރު ޚަރަދުތައް ކުރަން ޖެހިފައިވާ ކަމަށެވެ.
އަދި ބައެއް ދަރިވަރުންގެ ލޯނުގެ މުއްދަތު ހަމަވިއިރުވެސް ކޯސް ނިމިފައިނުވާތީ ދަރިވަރުންނަށް އިތުރު ދަތިތަކަކާއި ކުރިމަތިލާން ޖެހިފައިވާތީ އެ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތްތަކެއް ހޯދާ ދިނުމަށް ސަރުކާރުން ބޭނުންވާ ކަމަށެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ލޯނު އެހީގެ ދަށުން ލަންކާގައި ކިޔަވަމުންދާ ދަރިވަރުންނަށް ދިމާވެފައިވާ މައިގަނޑު ދަތިތަކަކީ އެ ދަރިވަރުންގެ އިހުތިޔާރުން ބޭރުގައިވާ ކަންކަމަށްވާތީ ދަރިވަރުންނަށް ދޫކޮށްފައިވާ ފައިސާއިން ކިޔަވަމުންދާ ގައުމު ބަދަލުކޮށް ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ނަމަވެސް ކިޔެވުން ފުރިހަމަ ކުރުމަށް އިތުރު ފައިސާއެއް ޚަރަދުވާނަމަ އެ ފައިސާ ހަމަޖައްސަންވާނީ ދަރިވަރު އަމިއްލައަށް ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހަޔާ އެޑިއުކޭޝަންގެ ލޯން ނަގައިގެން ލަންކާގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުން ގައުމު ބަދަލުކުރަން އެދޭނަމަ އެ ދަރިވަރަކު ކިޔެވުން ފުރިހަމަ ކުރުމަށް އެދޭ ގައުމެއްގެ މަރުކަޒުގެ ޕްލޭސްމަންޓް ލެޓާ، ފީ ސްޓްރަކްޗަރު އަދި އައިޑީކާޑުގެ ކޮޕީއެއް އެ މިނިސްޓްރީއަށް ހުށައެޅުމަށް ވަނީ އެދިފައެވެ. މިނިސްޓްރީން ބުނީ މިގޮތަށް ބަދަލުކުރާ ގައުމެއްގައި ކިޔަަވަންދާ މަރުކަޒަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިތުރު ޓެސްޓަކާނުލާ މަތިންދާ ބޯޓް ދުއްވުމުގެ ހުއްދައެއް ލިބޭ މަރުކަޒެއްކަން ކަށަވަރު ކުރަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ސަރުކާރުގެ ލޯނުގައި ސްލެވޭނިއާގައި ޕައިލެޓްކަން ކިޔަވަމުންދާ ދަރިވަރުން ކިޔަވަމުންދިޔަ ފްލައިން ސްކޫލް ބަންދުކުރުމާއި ގުޅިގެން އެ ދަރިވަރުންނަށްވެސް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އަދި އެ ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތްތަކެއް ހޯދާ ދިނުމަށް ސަރުކާރުން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ. ނަމަވެސް އެ ދަރިވަރުންނަށް ހޯދާދޭން ނިންމާފައިވާ ހައްލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ އޭޕްރީލް މަހުގެ 20ވަނަ ދުވަހު ލަންކާގައި ހިންގި ބޮންގޮއްވުމުގެ ނުރައްކާތެރި ހާދިސާތަކާއި ގުޅިގެން ލަންކާގައި ކިޔަވަމުންދާ ދިވެހި ޕައިލެޓުންގެ ކިޔެވެމުން ވަނީ މެދުކެނޑިފައެވެ. އަދި ހަ މަސް ދުވަސް ފާއިތުވާއިރު އެ ކޯހަށް ދެން ވާނެ ގޮތެއްވެސް ނޭންގޭ ކަމަށް އެ ދަރިވަރުން ވަނީ ބުނެފައެވެ.