މަގުތައް ހަދައި ބަލަހައްޓަން އުފެއްދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު މޫސާ އަލި މަނިކު ހަމަޖައްސައިފި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް އުފެއްދެވީ މިދިއަ ޖޫން މަހުގެ ތެރޭގަ އެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން މިއަދު ބުނީ އެ ކުންފުނީގެ އެމްޑީގެ މަގާމަށް މޫސާ އަލި މަނިކު ހަމަޖައްސާފައިވާ ކަމަށެވެ.
އޭނާގެ އިތުުރުން އެހެން ބޭފުޅަކު އަދި އެ ކުންފުނީގެ އިސް މަގާމަކަށް ހަމަޖައްސަވާފައެއް ނުވެއެވެ.
މޫސާ އަލި މަނިކު ވަނީ ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އެމްޑީޕީގެ ޓިިކެޓް ހޯދުމަށް އެޕާޓީގެ ޕްރައިމަރީއެއްގައި ވާދަ ކޮށްފަ އެވެ. ނަމަވެސް ޕްރައިމަރީގައި އޭނާ ވަނީ ބަލިވެފަ އެވެ. އޭނާ ވާދަ ކުރެއްބީ މީދޫ ދާއިރާގެ ޓިކެޓް ހޯއްދަވާށެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި އޭނާ އިސް ދައުރެއް އަދާ ކުރެ އެވެ.
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ކުންފުނި އުފައްދަން ރައީސް ނެރުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ، މަގުތައް ރަނގަޅު ފެންވަރެއްގެ ހެދެމަކީ މުހިއްމު ކަމަކަށްވާތީ އެ ކަމަށް ހާއްސަ ކުންފުންޏަށް އޮންނަން ޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާތީ ކަމަށެވެ. އަދި އެއްގަމު ދަތުރުފަތުރު ކުރުމަށް އެއް ރަށާއި އަނެއް ރަށް ގުޅާލުމާއި ދާލަންތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނީގެ މަސައްކަތުގެ ގޮތުގައި ވަނީ ހަމަޖައްސާފަ އެވެ.
މަގުތައް ހަދައި ބަލަހައްޓަން އާ ކުންފުންޏެއް ރައީސް އުފެއްދެވިއިރު، މީގެ ކުރިން ވެސް އެ ކަމަށް ހާއްސަކޮށް ކުރީގެ ސަރުކާރުން އުފެއްދެ އެވެ. "މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން" ގެ ނަމުގައި އޮތް އެ ކުންފުނި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަހުން ވަނީ އުވާލާފަ އެވެ. ރައީސް ނަޝީދުގެ ވެރިކަމުގައިވެސް މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައިވެސް ކުންފުންޏެއް އުފެއްދި އެވެ.