ކެމިކަލް ގުދަނުގައި ރޯވުން

ހެންވޭރު އަލިފާން: 38 އާއިލާއެއް އަދިވެސް ވަގުތީ ހިޔާގައި

ހެންވޭރު، އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ގެއްލުންވި އާއިލާތަކުގެ ތެރެއިން އަދިވެސް 38 އާއިލާއެއް ވަގުތީ ހިޔާވަހި ކަމުގައި އެބަތިބި ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެންޑީއެމްއޭއިން ބުނީ ހެންވޭރު އަލިފާނުގެ ހާދިސާއާއި ގުޅިގެން 780 ވުރެ ގިނަ މީހުނަށް ސަރުކާރުން ވަގުތީ ހިޔާ ހޯދައިދޭން ޖެހުނެވެ. އޭގެ ތެރޭގައި ހިމެނެނީ 450 ފިރިހެނުންނާއި 336 އަންހެނުންނެވެ. އެ މީހުންގެ ތެރޭގައި ދިވެހިންނާއި، ހަ ގައުކަމަށް ނިސްބަތްވާ މީހުން ވެސް ހިމެނެއެވެ.

އެންޑީއެމްއޭގެ ހިސާބު ދައްކާގޮތުން 636 ދިވެއްސަކު ވަގުތީ އެހީތެރި ކަމަށް އެދުނު އިރު އަދި ބަނގްލަދޭޝްގެ 104 މީހަކާ، އިންޑިއާގެ 19 މީހެއްގެ އިތުރަށް ނޭޕާލްގެ 16 މީހަކު އެހީއަށް އެދުނެވެ. މީގެ އިތުރުން ފިލިޕީންސްގެ ހަ މީހަކާއި ސްރީލަންކާގެ ހަތަރު މީހަކާއެކު މިސްރު މީހަކުވެސް ވަނީ ވަގުތީ އެހީތެރި ކަމަށް އެދިފައި ވެއެވެ.

އެންޑީއެމްއޭއިން ބުނީ އެމީހުންގެ ތެރެއިން މިހާރު އެ އޮތޯރިޓީގެ ބެލުމުގެ ދަށުގައި ތިބީ 38 އާއިލާއެއްގެ 164 މީހެއްކަމަށެވެ. އެމީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިވަނީ ގާކޮށީގެ 14 އެޕާޓްމަންޓަކާއި، ބައެއް ގެސްޓް ހައުސްތަކުން ކަމަށެވެ.

އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާގައި ކެމިކަލް ރައްކާ ކޮށްފައިވާ ހުރި ގުދަންތަކެއް ވަނީ އަނދާ ހުލިވެފަ އެވެ. އޭގެ ތެރޭގައި މީހުން ދިރިއުޅޭ ބައެއް އިމާރާތްތައް ވެސް ހިމެނުނު އިރު އެ ހާދިސާގައި އުމުރުން 46 އަހަރުގެ އަންހެނަކު ވަނީ މަރުވެފަ އެވެ.