ހަބަރު

ނަބިއްޔާއަށް ފުރައްސާކުރާ މީހުން ވާނީ ނިކަމެތި: ޚުތުބާ

މި އުންމަތުގެ މާތް ނަބިއްޔާއަށް އީމާންނުވެ، އެކަލޭގެފާނުގެ ހިދާޔަތަށް ފުރަގަސްދިން ކޮންމެ މީހަކީ އަބާއްޖަވެރި، ނަރަކަވަންތަ ވެރިއެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.

"ކީރިތި މާތް ނަބިއްޔާ ދެކެ ލޯބިވުން" މި މައުޟޫއަށް މުޅި ރާއްޖޭގައި މިއަދު އިއްވި ހުކުރު ޚުތުބާގައި ބުނެފައިވަނީ ރަސޫލާއަށް އީމާންވުމަކީ އިމާންކަމުގެ ރުކުނެއް ކަމަށެވެ. އަދި އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭގެފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް އިހުތިރާމްކޮށް އަދަބު ތައުޒީމު ކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ކަމެއް ކަމަށެވެ. އެގޮތުން އެމީހެއްގެ އަމިއްލަ ނަފްސާ، މުދަލާ، އަނބިދަރިންނަށްވުރެ ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެ. ނަސްރު ދީގެން މެނުވީ އީމާންކަން ފުރިހަމަ ނުވާނެ ކަމަށެވެ.

އަދި އެކަލޭގެފާނާއި، އެކަލޭގެފާނުގެ ތެދުމަގަށް ނަފުރަތު ކުރުމާއި، ކުޑައިމީސް ބަސްބުނެ ފުރައްސާރަކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ ކަމެއް ކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މާތްވެގެންވާ އިސްލާމްދީނައިގެން ވަޑައިގެންނެވި މާތް ސާހިބާއަކީ ތަގުވާވެރިންގެ އިމާމެވެ. ރަސޫލުކަމާއި ނަބީކަން ޚަތިމު ކުރެއްވި އެންމެހާ އާދަމްގެ ދަރިންގެ މައްޗަށް މާތް ކުރެއްވާ، ޚާލިގުވަންތަ މާތްﷲގެ ހަޒުރަތުން ހޮއްވަވައި ޚިޔާރު ކުރައްވާފައިވާ މާތް ސާހިބާ އެވެ. ގިޔާމަތް ދުވަހު ހަމްދު ލިބިގެންވާ މަތިވެރި މަގާމުގެ ވެރި އަދި ހައުޟޭ ކިޔުނު ފެންގަނޑުގެ ސާހިބާ އެވެ. މަހުޝަރުގެ މައިދާނަށް ޚަލުގުތަކުން އަލުން ފޮނުވި، އުތުރި އަރާ ވަގުތު އެބޭކަލަކަށްޓަކައި އެންމެ ފުރަަތަމަ ބިންގަނޑު ފަޅައިގެން ދާނީ އެކަލޭގެފާނަށެވެ. އަދި އެބޭކަލަކަށްޓަކައި ސުވަރުގޭގެ ދޮރުކޮޅު އެންމެ ފުރަތަމަ ހުޅުވި، އެންމެ ފުރަތަމަ ސުވަރުގެއަށް ވަދެވަޑައިގަންނަވާނީ ވެސް އެކަލޭގެފާނެވެ.
ހުކުރު ޚުތުބާ | 11 އޮކްޓޫބަރު

ރަސޫލާގެ އަދުލުވެރިކަމާއި، އޯގާވެރިކަމާ، މާތްކަމާ، އެކަލޭގެފާނު ގެނެސް ދެއްވި ޚަބަރުތަކުގެ ތެދުކަމުގެ މައްޗަށް މިތުރުންނާއި ހަތުރުން ހެކިވާ ކަމަށް ހުތުބާގައި ވެއެވެ. އަދި އެކަލޭގެފާނަށް އީމާންވާ، އެކަލޭގެފާނު ދެކެ ލޯބިވާ މީހުން ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށާއި ގިޔާމަތާ ހަމައަށް ދަންދެން ވެސް އެކަލޭގެފާނުގެ ޒިކުރާ އާވެއާލާވަމުން ދާނެ ކަމަށް ބުނެފައި ވެއެވެ.

ނަބީބޭކަލުންނަށް ފުރައްސާރަ ކުުރުމަކީ އިއްޔެއަކު ނުވަތަ އަދަކު ދިމާވެގެން އުޅޭ ކަމެއް ނޫން ކަމަށާ މީސްތަކުންގެ ގާތަށް ފޮނުއްވި ކޮންމެ ރަސޫލު ބޭކަލަކާއި، ނަބީބޭކަލަށް ފުރައްސާރަ ކުރި ބަޔަކު ވީކަންވެސް ހުތުބާގައި ފާހަގަކޮށް ފައިއެވެ.

އަޅުގަނޑުމެންގެ މާތް ނަބިއްޔާއަށް ވެސް މި ދުއްތުރާތައް ކުރިމަތިވެ ވަޑައިގަތެވެ. ނަމަވެސް އެފަދަ ފުރައްސާރަވެރިން މާތްﷲ ވަނީ ނިކަމެތި ކުރައްވާ، މާތް ނަބިއްޔާއަށް ނަސްރު ދެއްވާފަ އެވެ. އިސްލާމްދީނާ މާތް ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެކެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުންނެވެ.
ހުކުރު ޚުތުބާ

ހުކުރު ޚުތުބާގައި އިތުރަށް ބުނެފައިވަނީ ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމަތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުމާއި، އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަތުން ކަމަށެވެ. އަދި އިސްލާމީ އުންމަތަށް ދައްކުވައިދެއްވި ރިވެތި އަޚުލާގީ މިންގަނޑުތަކަށް ތަބާވުން ކަމަށެވެ.

"ތެދު ބަސްބުނުމާއި، ކެތްތެރިވުމާއި، އަދުލުވެރިވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިހުތިރާމުކުރުމާ، މަޑުމޮޅިވުމާއި މި ނޫންވެސް ސިފަތަކުން ޒީނަތްތެރިވުމެވެ." މިއަދުގެ ހުކުރު ޚުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމުން ރަސޫލާ ދެކެ ލޯބިވާނަމަ ހުރިހާ ގޮތަކުންވެސް އެކަލޭގެފާނު ދެކެ ލޯބިވާން ޖެހޭ ކަމަށެވެ. އިބާދާތާއި މުއާމަލާތާއި، އަޚުލާގިއްޔާތުގައިވެސް ރަސޫލާ ނަމޫނާއަކަށް ބަލަންޖެހޭ ކަމަށެވެ.

ކީރިތި ރަސޫލާއަށް ކިޔަމަންގަތުމަކީ ސުވަރުގެއަށް ދެވެން އޮތް މަގެވެ. ފަހެ އެކަލޭގެފާނު ހަދީސްކުރެއްވި އެވެ. 'ތިމަންކަލޭގެފާނުގެ އުންމަތުގެ އެންމެން ސުވަރުގެ ވަންނާނެއެވެ. ދެކޮޅު ހަދައިފި މީހާ މެނުއީއެވެ.' އެ ހިނދު ދެންނެވުނެވެ. ﷲގެ ރަސޫލާއެވެ. ދެކޮޅު ހަދާނީ ކާކު ހެއްޔެވެ؟. ހަދީސް ކުރެއްވިއެވެ. 'ތިމަންކަލޭގެފާނަށް ކިޔަމަންގަނެއްޖެ މީހާ ސުވަރުގެ ވަދެއްޖެއެވެ. ތިމަންކަލޭގެފާނަށް އުރެދިއްޖެ މީހާ ދެކޮޅު ހަދައިފިއެވެ.
ހުކުރު ޚުތުބާ | 11 އޮކްޓޫބަރު

މިއަދުގެ ހުކުރު ޚުުތުބާގައި މާތް ރަސޫލާއަށް ލޯބި ކުރުމުގެ މުހިންމުކަން އެތައް ބަސްފުޅަކާއި، ދަލީލުތަކަކުން ވަނީ ބަޔާން ކޮށްދީފައި ވެއެވެ.

"ކީރިތި މާތް ނަބިއްޔާ ދެކެ ލޯބިވުން" މި މައުޟޫއަށް މިއަދުގެ ޚުތުބާ ޚާއްސަކޮށްފައިވަނީ ރާއްޖޭގެ ޖަމިއްޔާއަކުން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި މާތްރަސޫލާއަށް ވަރަށް ބޮޑަށް ފުރައްސާރަކޮށްފައިވާތީ ދިވެހިންގެ ރުޅިވެރިކަން އެކަންކުރި މީހުންނަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.