ގަލްފް އިންފޮމޭޝަން ޓެކްނޮލޮޖީ އެގްޒިބިޝަން (ޖީޓެކްސް 2019) އަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރެއްވި ދަތުރުފުޅުގައި ދައުލަތުގެ އެއްވެސް ފައިސާއެއް ހަރަދުކޮށްފައި ނުވާނެ ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގައި ބާއްވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ އެގްޒިބިޝަންއަށް މާރިޔާ ޔޫއޭއީގެ ދުބާއީއަށް ވަޑައިގަތީ މިދިޔަ ހޮނިހިރު ދުވަހުގަ އެވެ. އެ އެގްޒިބިޝަންގައި ބައިވެރިވެވަޑައިގަތުމަށް ފަހު އިއްޔެ ވަނީ ރާއްޖެ ވަޑައިގެންފަ އެވެ.
އެކަމާ ގުޅޭ ގޮތުން މާރިޔާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީޓެކްސް 2019 އަށް ކުރި ދަތުރުގެ ދެކޮޅު ދަތުރު ހަރަދާއި، ކެއުމާއި ހުރުން ފަދަ އެއްވެސް ކަމަކަށް ދައުލަތުގެ ފައިސާ ހަރަދުކޮށްފައި ނުވާނެ ކަމަށާއި އާއިލާ މެންބަރަކަށް ވެސް ދައުލަތުން ހަރަދުކޮށްފައި ނުވާނެ ކަމަށެވެ. އަދި އެ ދަތުރުގެ އެއްވެސް ކަމެއް ހަމަޖައްސައި ދިނީ ވެސް ސަރުކާރަކުން ނޫން ކަމަށް މާރިޔާ ވިދާޅުވި އެވެ.
މާރިޔާ މިހެން ވިދާޅުވީ ސަރުކާރުގެ ރަސްމީ ދަތުރުތަކަށް ހޭދަކުރަން ބަޖެޓުގައި ކަނޑައެޅި މިންވަރުގެ 99.4 ޕަސަންޓު ހޭދަކޮށްފައިވާ ކަމަށް ފިނޭންސްގެ ހިސާބުތަކުން ދައްކާފައިވަނިކޮށެވެ.