ހަބަރު

ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކްގެ ހިދުމަތް ފަށައިފި

Oct 11, 2019
2

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރުގެ ހިދުމަތް ރަސްމީކޮށް ފަށައިފި އެވެ.

ކުޅުދުއްފުށީ ތައުލީމީ މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތްތައް ރަސްމީކޮށް ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ކާޑިއެކް ސެންޓަރުން ހުރިހާ ނަން-އިންވޭސިވް ކާޑިއެކް ޓެސްޓްތައް ކަމަށްވާ އެކޯ ކާޑިއޯގްރާމް ތްރެޑްމިލް ޓެސްޓިން އަދި ހޯލްޑާ މޮނީޓަރިން ހެދޭނެ އެވެ. އަދި ސީޓީ ސްކޭން އަދި ކާޑިއެކް ސެންޓަރުން 64،000 މީހުނަށް ހިދުމަތްތައް ލިބިގެން ދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުންޏެވެ.

ވޭތުވެދިޔަ އެއް އަހަރު ތެރޭގައި ސީޓީ އާއި ކާޑިއޯ ޓެސްޓް ހަދަން އިމަޖެންސީކޮށް 74 ބަލިމީހުން ރެފާ ކުރެވުނު ކަމަށާއި މިގޮތަށް ރެފާ ކުރާއިރު އެހެން ތަނަކަށް ހިދުމަތް ހޯދަންދާން ވަރަށް ބޮޑު ހަރަދެއް ކުރަންޖެހޭ ކަމަށެވެ. މި ހިދުމަތްތަކުގެ ސަބަބުން ރެފަރަލް ތަކަށް ކުރެވޭ ހަރަދު ވަރަށް ބޮޑުތަން ދަށްވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ސީޓީ ސްކޭނާއި ކާޑިއެކް ސެންޓަރަކީ ސަރުކާރުން ތަރައްހީ ކުރަން ނިންމާފައިވާ ފަސް ހޮސްޕިޓަލް ގެ މަސްރޫއުގެ ދަށުން ހިމެނޭ ކަމެއް ކަމަށެވެ. އެވްރެޖްކޮށް 305 ބަލިމީހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދަ އެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ހިދުމަތް ހޯދަން ހދ، ހއ އަދި ށ އަތޮޅުން މީހުން ދެއެވެ.