އައްޑޫ ސިޓީ

އައްޑޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެ

އައްޑޫ ސިޓީއަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި އެ އަތޮޅުގެ ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެންވަދެއްޖެ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު މިއަދު ވިދާޅުވީ ރޭ 10:00 އިން ފެށިގެން މިއަދު ހެނދުނާ ހަމައަށް މެދުކެނޑުމެއް ނެތި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް 50 އަށްވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން ދަނީ އައްޑޫގެ މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެމްޑީއެންފުން ބުނި ގޮތުގައި ބައެއް ގެތަކަށް ފެން ވަންނާތީވެ އިތުރަށް ފެން ވަނަނުދިނުމަށް ވެލި ބަސްތާ ވެސް ދަނީ ޖަހަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވަނީ އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ އަތޮޅުތަކަށް އިތުރަށް މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މިއަދު މެންދުރު 12:00 އާ ހަމައަށް ރީނދޫ އެލާޓް ވެސް ނެރެފަ އެވެ. މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އައްޑުއަށް 111 މިލިމީޓަރުގެ ވާރޭ ވަނީ ވެހެފަ އެވެ..