ދުނިޔެ

ތުރުކީގެ ހަމަލާ ހުއްޓުވަން އެމެރިކާގެ އާ އިންޒާރުތަކެއް

Oct 12, 2019
1

އަންކާރާ (އޮކްޓޯބަރު 12) - ސީރިޔާގެ އުތުރުގައި ތުރުކީއާ އިންވެގެން އޮންނަ ސީރިޔާގެ ސަރަހައްދު ކޮންޓްރޯލްކުރާ ކުރުދީ ހަނގުރާމަވެރިންނާ ދެކޮޅަށް ތުރުކީން ދެމުންދާ ވަރުގަދަ ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އިން އަނެއްކާވެސް އިންޒާރުދީފި އެވެ.

ހަމަލާތައް ހުއްޓާނުލައިފިނަމަ ތުރުކީ އާ ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު އެމެރިކާ އިން ވަނީ ދީފަ އެވެ. ނަމަވެސް، ހަމަލާތައް ހުއްޓާނުލާނެކަމަށް ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިދިޔަ ބުދަ ދުވަހު ހަމަލާތައް ދޭން ފެށުމާއެކު، 100،000 އަށް ވުރެ ގިނަ އާއްމުންގެ މީހުން ގެދޮރު ދޫކޮށް ސަލާމަތް ހޯދާފައިވާކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

އުރުދުގާނު ވިދާޅުވީ ތުރުކީގެ އަމާޒަކީ ކުރުދީ ހަނގުރާމަވެރިންގެ ނުރައްކަލުން ސީރިއާގެ އުތުރުގެ ސަރަހައްދު ސަލާމަތްކޮށް، ސީރިއާ ރެފިއުޖީންނަށް ރައްކާތެރި މާހައުލެއް ގާއިމުކޮށްދިނުން ކަމަށެވެ.

އެމެރިކާއިން ވާގިދޭ ކުރުދީންގެ ސީރިއަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އަށް ތުރުކީގެ އަސްކަރިއްޔާއިން ދަނީ ވަރުގަދަ ހަމަލާތައް ދެމުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން، ތުރުކީ އާއި ސީރިއާ ގުޅޭ ބޯޑަރުގެ 120 ކިލޯމީޓަރުގެ ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގައި އެސްޑީއެފްގެ އެތަކެއް ހަނގުރާމަވެރިންނެއް މިހާރުވެސް ވަނީ މަރުވެފަ އެވެ.

ތުރުކީން ދޭ ހަމަލާތައް ހުއްޓާނުލާނަމަ، އެގައުމުގެ އިގުތިސޯދު މުޅީން ހަލާކުވެގެންދާ ވަރުގެ ހަރުކަށި ފިޔަވަޅު އަޅަން ތައްޔާރުވަމުން އަންނަ ކަމަށްވެސް އެމެރިކާ އިން ވަނީ އިންޒާރުދީފަ އެވެ.