ހަބަރު

ޖުޑީޝަރީގެ ރިޕޯޓަށް ޖަމީލްގެ ފާޑުކިޔުން

Oct 12, 2019

ޝަރުއީ ދާއިރާ އިސްލާހު ކުރަން ކުރަންޖެހޭ ކަމަކީ ހަމައެކަނި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުން ކަމުގައި ބުނެ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ނެރުއްވި ރިޕޯޓަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑުވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ހަދަން ބަންޑާރަ ނައިބުގެ އޮފީހުން ގެނައި ކްރީގްލާ ނެރުއްވި ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ގާއިމުވެފައި އޮތް އަދުލު އިންސާފުގެ ނިޒާމު ރަނގަޅު ކަމަށާއި، މުޅި ނިޒާމް ހަލާކުވެފައި ވަނީ އެ ދާއިރާގައި ތިބި މީހުންގެ ސަބަބުން ކަމަށެވެ.

އެ ރިޕޯޓަށް ފާޑިވިދާޅުވަމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންގެ ކަންކަން ބެލުމުގެ ޒިންމާ އެޅިފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހުރި މައްސަލަތައް ރިޕޯޓްގައި ފާހަގަ ކޮށްފައިނެތް ކަމަށެވެ.

"ރިޕޯޓުގައި ވަނީ އެންމެ ރިފޯމް؛ ފަނޑިޔާރުން ވަކިކުރުން. ހަމައެކަނި ރަނގަޅު އަމަލަކީ ރައީސް ނަޝީދުގެ ހުކުމް ބާތިލް ކުރުންބާ؟،" ޖަމީލް ސުވާލު ކުރެއްވި އެވެ.

އަދި ޖުޑިޝަރީއާ ބެހޭ ރިޕޯޓަކީ ޖޭއެސްސީގެ ރައީސަށް ޖުޑިޝަރީއަށް އަތް ބާނަން ދެވުނު ހުއްޖަތެއްގެ ގޮތުގައި ޖަމީލް ވަނީ ސިފަކުރައްވައިފަ އެވެ.

"ޖޭއެސްސީގައި އޮތް ސިޔާސީ ނުފޫޒް ޔޯހަން ކްރިގްލާއަށް މައްސަލައަކަށް ނުވީ ކީއްވެ؟" ޖަމީލް އިތުރަށް ވިދާޅުވި އެވެ.

ޖަމީލް އެގޮތަށް ވިދާޅުވިއިރު، ކްރީގްލާގެ ރިޕޯޓުގައި ޖޭއެސްސީ މިހާރު އެކުލެވިގެންވާ ގޮތާބެހޭ ގޮތުން ބައެއް ކަންކަން ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން، ޖޭއެސްސީގެ ކޮމްޕޮޒިޝަން އޮތް ގޮތަކީ މުޅީން ގޯސް ކަމެއްކަން ބުނެވެންނެތް ކަމަށާއި، އެފަދަ ކޮމިޝަނެއްގައި ތިބެންޖެހޭ މީހުންގެ މުޖައްރިބު ފޯމިއުލާއެއް އެހެން އެއްވެސް ގައުމަކުން ވެސް ހޯދިފައި ނެތްކަން ކްރީގްލާ ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޔޮހާން ކްރީގްލާ އަކީ، 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާ ކުރައްވާފައިވާ، ސައުތު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ އިތުރުން، އޭނާ ވަނީ އެ ގައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.

އޭނާގެ ރިޕޯޓްގައި ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނުތަކުގައި އަދި އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާ ކުރުމާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖައާ ކުރުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖައާ ކުރުމާއި، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.

ރިޕޯޓް އެކުލަވާލަން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ޝަރުއީ ދާއިރާ އާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، އެނޫންވެސް ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރައްވާފަ އެވެ.