އޮފްބީޓް

ސްމަގްލަރުން ފުލުސް އޮފިސަރުން ސަލާމަތް ކޮށްދީފި

އާއްމުކޮށް ހާލުގައި ޖެހޭ މީހުން ސަލާމަތް ކުރަނީ ފުލުހުންނެވެ. ނަމަވެސް ސްޕޭނުގައި ހިނގި މި ހާދިސާގައި ތިން ފުލުސް އޮފިސަރަކު ސަލާމަތް ކޮށްދިނީ އެމީހުން ފަހާ ދުއްވި އުޅަނދުގައި ތިބި ސްމަގްލަރުން ތަކެކެވެ.

ކަނޑުމަތިން ދަތުރުކުރި ސްމަގްލަރުންގެ އުޅަނދެއް ފަހާ ދުއްވި ސްޕީޑް ބޯޓު ސްމަގްލަރުން ތިބި ބޯޓުގައި ޖެހުމާއެކު ތިން ފުލުސް އޮފިސަރުން ވިއްސައިގެން ގޮސް ކަނޑަށް ވެއްޓުނެވެ. އެމީހުން ކަނޑުން ނަގައި ސަލާމަތްކޮށް ދިނީ އެމީހުން އަތުލަން ވެގެން ފަހާ ދުވި ސްމަގްލަރުން ކަމަށް ސްޕޭންގެ ފުލުހުން ވަނީ ބުނެފަ އެވެ.

މީހުން ސަލާމަތް ކުރުމުގެ މި އާދަޔާޚިލާފު ހާދިސާ ހިނގާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ފުލުހުންގެ އުޅަނދު ދުއްވީ ހަތަރު މީހުން ތިބި ސްޕީޑް ބޯޓެއް ފަހަ އެވެ. އެ ބޯޓުގައި ޑްރަގް ސަޕްލައިކުރާ ކަމަށް ޝައްކު ކުރެވިގެންނެވެ.

މިގޮތަށް އެ އުޅަނދު ފަހާ ދުއްވުމުގެ ތެރޭގައި ފުލުހުން ދުއްވި އުޅަނދު އަނެއް އުޅަނދުގައި ޖެހި މުޑިއެރީ އެވެ. އެއާއެކު އުޅަނދު ކޮންޓްރޯލުން ނެއްޓި ފުލުސް އޮފިސަރުންތައް ވިއްސައިގެން ކަނޑަށް ވެއްޓުނީ އެވެ.

އެ ދިމާލު މަތީގައި ފުލުހުންގެ ހެލިކޮޕްޓަރެއް އުދުހި އުދުހި އޮތެވެ. މި މަންޒަރު ފެނުމާއެކު ކަނޑަށް ވެއްޓުނު މީހުން ސަލާމަތް ކޮށްދިނުމަށް ހެލްކޮޕްޓަރުގައި ތިބި ފުލުހުން މެގަފޯނުން ގޮވި އެވެ. އެއާއެކު އެމީހުން ވަނީ ކަނޑަށް ވެއްޓުނު ތިން މީހުން އެއްވެސް ގެއްލުމެއް ނުދީ ސަލާމަތްކޮށްދީފަ އެވެ.

ނަމަވެސް އެމީހުންގެ މި އިހްސާންތެރިކަމުގެ ބަދަލު ފުލުހުންނެއް ނުދެ އެވެ. ސަބަބަކީ އެ މީހުން ތިބި ހިސާބާ ކައިރި ސަރަހައްދަކުން ތިން ޓަނުގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތީމަ އެވެ.

"ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި އެމީހުން ވަނީ ހައްޔަރުކޮށްފައި،" ފުލުހުންގެ ބަޔާނުގައި ބުނެފައި ވެއެވެ.