ސައިންސް

ޖުޕިޓާއިން ބްލެކް ހޯލެއް؟

ޖައްވުން ބްލެކް ހޯލެއް ފެނުމުކީ ސައިންސްގައި އާދައިގެ ކަމެކެވެ. އެއީ ޖައްވުގެ އެކި ހިސާބުތަކުގައި 10 މިލިއަނަށްވުރެ ގިނަ ބްލެކް ހޯލްތައް ވާކަން ސައިންސްގެ އިލްމީ ދިރާސާތަކުގެ އަލީގައި ހޯދިފައިވާތީ އެވެ. ބްލެކް ހޯލަކީ ޖައްވުގައި ހުންނަ ކަޅު ހޮހޮޅަ ތަކެކެވެ. މިތަންތަނުގައި ދަމާ ބާރު ގިނަ އަދަދަކަށް އެކުލެވިގެންވާތީ ބްލެކް ހޯލުގެ ފުރިހަމަ ދިރާސާއެއް ކުރަން ސައިންސްވެރިންނަށް ވަނީ ނުކުޅެދިފަ އެވެ. އަދި ބްލެކް ހޯލް އުފެދެން މެދުވެރިވާ ސީދާ ސަބަބެއް ވެސް ހޯދިފައެއް ނުވެ އެވެ.

ނަމަވެސް ޕްލެނަޓަކުން ބްލެކް ހޯލެއް ފެނިދާނެ ކަމަށް އެއްވެސް ޖައްވީ އިދާރާއަކުން ގަބޫލެއް ނުކުރެ އެވެ. ސަބަބަކީ ބްލެކް ހޯލަކީ ދަމާބާރު ގަދައަށް ހުންނަ ހޮހަޅަތަކަށްވުމުން މި ދުނިޔެ ވެސް ދަމައިގަނެވޭނެ ކަމަށް ބައެއް ސައިންސްވެރިންގެ ތިއަރީތަކުގައި ބުނެފައި ވާތީ އެވެ.

އެކަމަކު ނާސާގެ ސައިންސްވެރިން ޖައްވުގައި މިހާރު ކުރިއަށް ގެންދާ މިޝަނެއްގެ ތެރެއިންވަނީ އެންމެ ބޮޑު ޕްލެނެޓް ކަމަށްވާ ޖުޕިޓާއިން ބްލެކް ހޯލެއް ކަމަށް ބެލެވޭ ބޮޅެއް ފެނިފަ އެވެ. ޖުޕިޓާއިން ފެނުނު އެ ކަޅުކުލައިގެ ބޮޅުގެ ބޮޑުމިނުގައި 2،200 މޭލު ނުވަތަ 3،540 ފޫޓު ހުރެ އެވެ.

މި މިޝަނުގައި ބައިވެރިވާ ބައެއް ސައިންސްވެރިން ލަފާ ކުރާ ގޮތުގައި އެއީ ހިޔަންޏެކެވެ. އެ ބައިގައި ހިމެނޭ ސައިންސްވެރިން ބުނާ ގޮތުގައި ޖައްވީ އުޅަނދަށް ވީޑިއޯ ކުރެވިފައިވަނީ ޖުޕިޓާގެ އެއް ހަނދުގެ ހިޔަންޏެވެ. އަދި އެގޮތަށް އެކަން ދިމާވީ ހަނދު އަލި އެއް ފަޅިއަށް އެޅިފައި ވުމުންނެވެ.

ނަމަވެސް، ބްލެކް ހޯލެއް ކަމަށް ބުނާ ސައިންސްވެރިން އެހެން ބުނަނީ، އެ ކަޅު ހޮހަޅައިން ބްލެކް ހޯލެއްގައި ހުންނަ ޖެހޭ ހުރިހާ ސިފައެއް ފެނިފައިވާތީ އެވެ. އެގޮތުން ބްލެކް ހޯލްގެ ވަށައިގެންވާ ތަރިތައް ވަށް ބުރެއްގެ ސިފައިގައި ބާރު ސްޕީޑެއްގައި ދަތުރުކުރާ މަންޒަރު ޖައްވީ އުޅަނދުން ނެގި ވީޑިއޯގައި ވެއެވެ. އެ މީހުން ބުނާ ގޮތުގައި އެއީ ބްލެކް ހޯލް ދެނެގަންނަން ބޭނުންކުރާ އެންމެ ކާމިޔާބު އުކުޅެވެ.

ނާސާއިން މައުލޫމާތުދޭ ގޮތުގައި ޖައްވީ އުޅަނދު "ޖޫނޯ" އިން އެ ވީޑިއޯ ނަގާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު 22 ވަނަ ދުވަހު އެވެ. އޭރު ޖޫނޯ ދިޔައީ ޖުޕިޓާގެ ބޭރު ފަށަލަ ވީޑިއޯ ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޖޫނޯ އަކީ 2011 ވަނަ އަހަރުން ފެށިގެން ނާސާއިން ޖުޕިޓާގެ ދިރާސާތައް ކުރަން ބޭނުންކުރަމުން ގެންދާ ޖައްވީ އުޅަނދެކެވެ. މި އުޅަނދު ވަނީ މިހާތަނަށް ޖުޕިޓާ ވަށައި 53 ފަހަރު ބުރުޖަހާފަ އެވެ.