ޖަޕާން

ޖަޕާނުގައި ތިބި ދިވެހިންގެ ހާލު ރަނގަޅު: މިނިސްޓްރީ

ޖަޕާނަށް މިއަދު އެރި ތޫފާނުގައި އެ ގައުމުގެ ބައެއް ސިޓީތަކަށް ބޮޑެތި ގެއްލުންތައް ވެފައިވާއިރު، އެ ގައުމުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

ޖަޕާނުގެ އެކި ސިޓީތަކަށް ތޫފާނުގެ ސަބަބުން ބޮޑެތި ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ތޫފާނުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ވަރަށް ބޮޑަށް ފެން ބޮޑުވެފައިވެއެވެ. އަދި ހޮނުއެޅުމުގެ ސަބަބުން ބައެއް މީހުންނަށް އަނިޔާވެސް ވެފައިވެއެވެ.

މީގެ އިތުރުން ވައި ގަދަވެ، ވަރަށް ގިނަ ގެތައް ވަނީ ހަލާކުވެގެން ގޮސްފައެވެ. އަދި މި ތޫފާނުގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާ ކަމަށް ނޫސްތަކުން ބުނެއެވެ.

ޖަޕާނަށް މިއަދު އެރި ތޫފާނާއި ގުޅިގެން އެތައް ހާސް ބަޔަކު ވަނީ ރައްކާތެރި ހިސާބުތަކަށްވެސް ބަދަލުކޮށްފައެވެ.

ފޮރިން މިނިސްޓްރީން މިރޭ ބުނީ ޖަޕާނުގައި ތިބި ދިވެހިންގެ ހާލު އެ މިނިސްޓްރީން ބަލަމުން ގެންދާ ކަމަށެވެ. އަދި ހުރިހާ ދިވެހިންގެ ހާލުވެސް ރަނގަޅު ކަމަށް ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ދިވެހި ރައްޔިތުންގެ ފަރާތުން އެ ގައުމުގެ ރައްޔިތުންނަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވާފައެވެ. އަދި ހިތާމައިގެ މި ވަގުތު ދިވެހިރާއްޖެ އޮތީ އެ ގައުމާއެކު ކަން ހާމަ ކުރެއްވިއެވެ.

މީގެ އިތުުރުން ގެއްލުން ލިބުނު އާއިލާތަކަށް ހަމްދަރުދީ ފޮނުވާ، މަރުވި މީހުންގެ އާއިލާތަކަށް ވަނީ ތައުޒިޔާ ފޮނުވާފައެވެ.

ޖަޕާނަށް މިއަދު އެރި ތޫފާނާއި ގުޅިގެން އެ ގައުމުގެ ގިނަ ސިޓީތަކަކަށް ބޮޑެތި ގެއްލުންތައްވެ، އެއްގަމު ދަތުރުފަތުރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އަދި މޫސުން ގޯސްވުމުގެ ސަބަބުން އެތައް ސަތޭކަ ފްލައިޓްތަކެއް ވަނީ ޑިލޭވެފައެވެ.