ވައްކަން

ސޮނީ ސްޕޯޓް ފަޅާލަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގާ ސޮނީ ސްޕޯޓްސް ފިހާރައެއް ފަޅާލައިގެން ވައްކަން ކުރަން އުޅުނު ދެ މީހަކު ހުއްޓުވައި ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ޖަނަވަރީ މަގުގައި ހުންނަ އެ ފިހާރަ ހުންނަ ގޭގެ ދޮރު ހަލާކު ކޮށްލައިގެން އެ ފިހާރައިން ވައްކަން ކުރާ އުޅޭ ކަމުގެ މައުލޫމާތު ރޭ ފަތިހު 4:00 ޖެހި އިރު ލިބުމުން ފިހާރަ ހުރި ގޭގެ ތިރީ ފަންގިފިލާއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރީ ދިވެހި ފިރިހެނަކާއި ކުޑަ ފިރިހެން ކުއްޖެކެވެ. އެ ދެ މީހުންނަށް ފިހާރައިން އެއްްވެސް އެއްޗެއް ވަގަށް ނެގިފައެއް ނުވެ އެވެ. އެ މީހުންގެ އަތުން ފިހާރައިގެ ދޮރު ހަލާކު ކޮށްލަން ބޭނުން ކުރި ތަކެތި ފެނިފައިވެ އެވެ.

ފުލުހުން ބުނި ގޮތުގައި އެއިން އެކަކު ހުރީ ކާކު ކަން ނޭނގޭ ގޮތަށް މޫނު ފޮރުވަން ހެލްމެޓް އަޅައިގެނެވެ. އަދި ހައްޔަރު ކުރަން އުޅުމުން އޭގެ ތެރެއިން އޭގެ އެކަކު ފުލުހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގާފައި ވެއެވެ.

ވައްކަން ކުރަން ވަދެ އުޅުނު ދެ މީހުން ދުއްވި ސައިކަލު ފުލުހުން ބަލައި ފާސް ކުރިއިރު ސައިކަލުގެ ނަންބަރު ޕްލެޓްގައި ޓޭޕް އަޅައި ފޮރުވާފައިވެ އެވެ. ފުލުހުން ބުނީ އެއީ ވަގަށް ނަގާފައިވާ ސައިކަލެއް ކަން ފާހަގަކުރެވުމުން އެ ސައިކަލު ޓޯ ކޮށްފައިވާ ކަމަށެވެ.

މި މައްސަލައި ތަހުގީގު ފުލުހުން ވަނީ ފަށާފަ އެވެ.