ސީރިއާގެ އުތުރު ބޯޑަރުގައި ތުރުކީން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންތަކުގައި ކުށެއް ނެތް މީހުން ރެފިއުޖީންގެ ގޮތުގައި އެ ސަރަހައްދު ދޫކޮށް ދިޔުމުގެ މައްސަލަ ބޮޑުވެފައިވާތީ ފްރާންސުން ތުރުކީއާއެކު ހަދާފައިވާ ހަތިޔާރު ވިއްކުމުގެ އެއްބަސްވުންތައް ވަގުތީ ގޮތުން މަޑު ޖައްސާލައިފި އެވެ.
ފްރާންސުގެ ޑިފެންސް މިނިސްޓްރީން ބުނީ، ތުރުކީގެ އަސްކަރީ އޮޕަރޭޝަންތައް މޮނިޓާ ކުރިއިރު އެގިގެން ދިޔައީ، ތުރުކީން އަސްކަރީ އޮޕަރޭޝަންގެ ކުރިއަށް ގެންދަނީ އެއްވެސް އިންސާނިއްޔަތު ކަމެއް ނެތި، ސީރިއާގެ އުތުރުގައި ދިރިއުޅޭ އާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް ކަމަށެވެ. ސީރިއާގެ އުތުރުގެ ރައްޔިތުންގެ އިންސާނީ ހައްގުތަށް މިހާރު ގެއްލިފައިވާ ކަމަށް ހިޔުމަން ރައިޓްސް ޖަމާއަތްތަކުން ވެސް ވަނީ ބުނެފަ އެވެ.
އެގައުމުން އިތުރަށް ބުނީ، ކުރިއަށް އޮތް ދުވަސް ތަކުގައި ފްރާންސުން ގިނަ އަދަދެއްގެ ހަތިޔާރު ތުރުކީއަށް ވިއްކަން ހަމަޖެހިފައިވާއިރު، ތުރުކީން އެ ހަތިޔާރުތައް ބޭނުން ކުރާނީ ސީރިއާގެ އާންމު ރައްޔިތުންނަށް ބިރު ދައްކައި ގަދަ ބާރުން ބިންތަކަަށް ވެރިވެގަންނަން ކަމަށެވެ. ޔޫރަޕުގެ ގިނަ ގައުމުތަކުން މިހާރު ވަނީ ތުރުކީއަށް ހަތިޔާރު ވިއްކުން ވަގުތީ ގޮތުން މަޑު ޖައްސާފަ އެވެ. އަދި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ ތުރުކީއަށް ހަތިޔާރު ވިއްކުން މަނާކޮށްފަ އެވެ.
އުތުރު ސީރިއާ ބޯޑަރުގައި ތުރުކީން ހަރަކާތްތެރިވާން ފެށީ، ކުރުދީ ހަނގުރާމަވެރިންގެ ސަބަބުން ތުރުކީގައި ދާހިލީ ހަނގުރާމައެއް ފެށިދާނެ ކަމަށް ބުނެ އެވެ.
ތުރުކީން ބޭނުން ވަނީ ކުރުދީ ހަނގުރާމަވެރިން އެ ގައުމުގެ ބޯޑަރާ 30 ކިލޯމީޓަރާ ދުރަށް ފޮނުވާށެވެ. ކުރުދީންނާ ހަމަލާ ބަދަލުކޮށް މިހާރު ތުރުކީން ވަނީ، ކުރުދީންގް ބެލުމުގެ ދަށުގައިވާ އަލް-އައިން ނަމަކަށް ކިޔާ އަވަށެއް ހިފައިފަ އެވެ. މިއީ ކުރުދީންނަށް މުހިންމު އަވަށެއް ކަމަށް ތުރުކީން ވަނީ ބުނެފަ އެވެ.