ދުނިޔެ

ގުރީކުން ފްރާންސާއެކު 2.8 ބިލިއަން ޑޮލަރުގެ ރަފާލް ޖެޓް ޑީލެއް ހަދައފި

ނޭޓޯގެ ބެލެހެއްޓުންތެރިކަމާ ނުލައި ވެސް ގުރީކް ދެމި އޮންނަން ޖެހޭ ކަމަށާއި ގުރީކަކީ ދައުލަތް ދިފާއު ކުރެވޭ ފެންވަރުގެ ގައުމަކަށް ހަދަންޖެހޭ ކަމަށް ޑިފެންސް މިނިސްޓަރު ނިކޮސް ޕަނައިޓޮޕޮލަސް ވިދާޅުވެއްޖެ އެވެ. ގުރީކް އަސްކަރިއްޔާ ބާރު ގަދަ ކުރަން ޖެހެނީ މިސަބަބާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގުރީކު ޑިފެންސް މިނިސްޓަރު މިހެން ވިދާޅުވީ ފްރާންސުން ރަފާލް މަރުކާގެ 18 ފައިޓާ ޖެޓް ގަތުމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި އެއްބަސްވުމުގެ ދަށުން މި އަހަރު ޖުލައިން ފެށިގެން ދެ އަހަރު ތެރޭގައި ފްރާންސުން ރަފާލް މަރުކާގެ 18 ފައިޓާ ޖެޓު އުފައްދައި ގުރީކާ ހަވާލު ކުރާނެ އެވެ. މި އެއްބަސްވުމުގައި ފްރާންސުން ސޮއި ކުރެއްވީ ޑިފެންސް މިނިސްޓަރު ފްލޮރެންސް ޕާލީ އެވެ. އަދި ގުރީކުން ސޮއިކުރީ އެ ގައުމުގެ ޑިފެންސް މިނިސްޓަރު ނިކޮސް ޕަނައިޓޮޕޮލަސް އެވެ. މިއީ 2.8 ބިލިއަން ޑޮލަރުގެ ވިޔަފާރި މުއާމަލާތެކެވެ.

ގުރީކުން ގަންނަ 18 ޖެޓް ތެރޭގައި ހިމެނެނީ ބޭނުން ކޮށްފައި ހުރި 12 ޖެޓާއި މުޅިން އާ ހަޖެޓެވެ.

ގުރީކުން މި އަހަރުގެ ބަޖެޓް އެކުލަވާލުމުގައި ގައުމީ ދިފާއަށް ކުރާ ހޭދެ އެހެން އަހަރުތަކާ ހިލާފަށް ދެގުނަ އިތުރު ކޮށްފައިވެ އެވެ. ބޮޑުވަޒީރު ކިރިއަކޮސް މިޓްސޯޓަކިސް ވިދާޅުވީ ސަރުކާރުން މިލިޓަރިއަށް ކުރާ ހޭދާ ދެ ގުނަ ކުރައްވާނެ ކަމަށެވެ. ގުރީކް ދިފާއި ބަޖެޓް 6.6 ގިލިއަން ޑޮލަރަށް އަރާނެ ކަމަށް ވަނީ ލަފާ ކޮށްފަ އެވެ.

ބޮޑުވަޒީރު ވިދާޅުވީ ގުރިކް އަސްކަރިއްޔާ މުއްސަނދި ކުރުމަށްޓަކައި ހެލިކޮޕްޓަރާއި ޑްރޯން ހޯއްދަވާނެ ކަމަށެވެ. އަދި މިހާރު ބޭނުންކުރާ އެފް16 އިގެ ފައިޓާ ޖެޓްތައް ވެސް އާ ކުރައްވާނެ ކަމަށެވެ.

ގުރީކުން ދިފާއި ބަޖެޓް ބޮޑުކޮށް ފްރާންސާއި އެމެރިކާ އަދި އިޒްރޭލުން ފިކުރީ ބާރުވެރިކަން ލިބިގަތުމަށް ވިސްނަމުން ދަނީ އަވަށްޓެރި ތުރުކީއާ ގުޅުން ގޯސްވައި އޮތް ދުވަސްވަރެއްގަ އެވެ. ގްރީކުން ދެކޭ ގޮތުގައި އެ ސަރަހައްުދުގައި ގުރީކުގެ ދައުރު ފަނޑު ނުވެ އޮންނާނީ ތުރުކީއަށް ވުރެ ބާރުވެރި ވެވިގެނެވެ.