ފިލްމު ކުޅެން ފެށިތާ ހަ އަހަރު ވީއިރު ވާނީ ކަޕޫރަށް ކުޅެވިފައިވަނީ އެންމެ ތިން ފިލްމެވެ. ނަމަވެސް އެއީ މާ ބޮޑަށް ހާސްވާން ޖެހޭ ކަމެއް ކަމަކަށް ވާނީ ގަބޫލެއް ނުކުރެ އެވެ.
ވާނީ ފިލްމީ ދުނިޔެއަށް ތައާރަފްވީ 2013 ގައި ނުކުތް ސުޝާންތު ސިންގް ރާޖްޕޫތު ބަތަލުގެ ބައި ކުޅުނު "ޝުދް ދޭސީ ރޮމާންސް" އިންނެވެ.
ފިލްމު ކުޅޭތާ ހަ އަހަރު ވިޔަސް ވާނީ ގަބޫލު ކުރަނީ އަދިވެސް އޭނާގެ ކެރިއަރު އޮތީ ވަރަށް ޅަފަތުގައި ކަމަށެވެ. ހަ އަހަރު ތެރޭ ތިން ފިލްމު ކުޅުނު ސަބަބު ހާމަކުރަމުން 31 އަހަރުގެ ވާނީ ބުނީ ހިތްހަމަޖެހޭ ފިލްމުތައް ހިތްހަމަޖެހޭ އެކްޓަރުންނާއެކު ކުޅެން ލިބެންދެން އޭނާ ކެތްތެރިކަމާއެކު އިންތިޒާރު ކުރަނީ ކަމަށާއި މިއީ ގިނަ އެކްޓަރުންނަށް ކުރެވޭ ވަރުގެ ކަމަކަށް ނުވާ ކަމަށެވެ.
"އަހަރެން ފިލްމު ކުޅެން ބޭނުމީ އަހަރެން ގަޔާވާ މީހުންނާއެކު. އެފަދަ މީހުންނާއި ފިލްމުތައް ނުލިބޭނަމަ ކެތްތެރިކަމާއެކު އިންތިޒާރު ކުރުމަކީ އަހަރެން ބޭނުންވާ ގޮތް،" ރަންވީރު އާއެކު "ބޭފިކްރޭ" ގައި ހަރަކާތްތެރިވި ބަތަލާ ބުންޏެވެ.
ފުރަތަމަ ފިލްމު ރިލީޒް ކުރިތާ ތިން އަހަރު ފުރުނުއިރު ވެސް ވާނީ އިތުރު ފިލްމެއް ނުކުޅެ އެވެ. "ބޭފިކްރޭ" އަކީ ގިނަ ދުވަސްތަކެއްގެ އިންތިޒާރަށް ފަހު ލިބުނު ފިލްމެކެވެ.
ވާނީ އެންމެ ފަހުން ކުޅުނު ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" މިހާރު ބޮކްސް އޮފީހުގައި ދަނީ ބޮޑު ކާމިޔާބެއް ހޯދަމުންނެވެ. ވާނީ ބުނީ ފިލްމަށް އެހާ ރަނގަޅު ނަތީޖާއެއް ނެރެވިދާނެ ކަމަށް އުންމީދު ނުކުރާ ކަމަށެވެ.
ރިތިކްއަށް ތައުރީފުކުރަމުން ވާނީ ބުނީ ރިތިކް އަކީ އެކުގައި މަސައްކަތްކުރަން ވަރަށް ހިތްހަމަޖެހޭ އެކްޓަރެއް ކަމަށާއި އަދި އޭނާއަކީ ވަރަށް ހިތްވަރުދޭ ވަރަށް އެހީތެރިވެދޭ ރަނގަޅު އިންސާނެއް ކަމަށެވެ.
ވާނީ މިހާރު ކުޅެމުންދަނީ ރަންބީރު ކަޕޫރު ބަތަލުގެ ރޯލު ކުޅޭ "ޝަމްޝޭރާ" އެވެ. މި ފިލްމު ރިލީޒް ކުރަން ހަމެޖެހިފައިވަނީ އަންނަ އަހަރު އެވެ.