އަހުމަދު ޝިޔާމް

ބަދަލު ދިނުމުގެ ނަމުގައި ރޯމާ ދުވާލު ކުރަނީ ވައްކަން: ޝިޔާމް

ބަދަލު ދިނުމުގެ ނަމުގައި ރޯމާ ދުވާލު ކުރަމުން ދަނީ ވައްކަން ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ އިބްރާހިމް އިސްލާމާއީލް (އިބްރާ) ގެ މަންދު ކޮލެޖަށް 50 މިލިއަން ރުފިޔާގެ ބަދަލެއް ދިން ކަމަށް ބުނާ ލިޔުމަކާ ގުޅުވައި ކުރެއްވި ޓްވީޓެއްގަ އެވެ.

ޝިޔާމް ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރުމުން ކޯޓް މަރުހަލާ ވެސް ނުނިމެނީސް ސަރުކާރުގެ ހެޔޮފުޅު ކަމުން ބޮޑެތި އަދަދުތަކުން ބަދަލު ދެމުންދާ ކަމަށެވެ. އަދި އެގޮތަށް ދެމުންދާ ބަދަލަކީ ލިބުނު ކަމަށް ބުނާ ގެއްލުމަށް ވުރެ ބޮޑު އަދަދުތައް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

"ކޯޓް ތިން މަރުހަލާ ނުނިމެނީީސް، ސަރުކާރުގެ އޯގާތެރިކަމުން މި ދިނީ 50 މިިލިއަން. މިއަށް ކިޔަނީ ރޯމާ ދުވާލު ވައްކަން ކުރުން." އޭޖީ އާއި ފިނޭންްސް މިނިސްޓަރަށް ޓެގް ކުރައްވާ ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

ރައީސް ސޯލިހު ވެރިކަމަށް އަންނަ މަހު އެއް އަހަރު ފުރޭއިރު، މިހާތަނަށް ދައުލަތުން ވަނީ ގިނަ ބަޔަކަށް ގެއްލުމުގެ ބަދަލު ދީފައެވެ. އެއީ ކުރީ ސަރުކާރުން އެއްބަސްވުންތަކެއް އުވާލައިގެން ލިބުނު ކަމަށް ބުނާ ގެއްލުންތަކެވެ. އެތައް މިލިއަނުން ބަދަލު ދެމުންދާއިރު ސަރުކާރުން އެކަން ކުރަމުން ގެންދަނީ ކޯޓްގެ ތިން މަރުހަލާ ވެސް ނިމުމުގެ ކުރިންނެވެ. އަދި ބަދަލު ދޭ ފަރާތްތަކަކީ ސަރުކާރާއި ގުޅުން އޮންނަ ފަރާތްތަކެއް ކަމުގެ ތުހުމަތުވެސް އިދިކޮޅުން ކުރެއެވެ.

މި ސަރުކާރު ވެރިކަމަށް އައުމުގެ ކުރިން އެންމެ ބޮޑަށް ދެއްކީ ރައީސް ޔާމީންގެ ސަރުކާރުގެ ތެރޭގައި ވައްކަމާއި ޚިޔާނާތުގެ އަމަލުތައް ހިންގަމުންދާ ވާހަކަ އެވެ.