ގާނޫނީ ވަކީލުން

ހުއްދަނެތި، އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދީފިނަމަ ބޮޑު ޖޫރިމަނާއެއް

ހުއްދަނެތި، އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދީނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ ކަން ބަޔާންކޮށް "އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމާ ބެހޭ ގަވާއިދު" އާންމުކޮށްފި އެވެ.

"އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމާ ބެހޭ ގަވާއިދު" ގައި ބުނެފައިވަނީ އެއީ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން ދިވެހިރާއްޖޭގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގައި އަމަލު ކުރާނެ އުސޫލު ބަޔާން ކުރާ ގަވާއިދު ކަމަށެވެ.

އެގޮތުން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖެހުމުގެ މަސައްކަތް ކުރެވޭނީ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ ގާނޫނީ ވަކީލަކަށް ކަމަށެވެ. އަދި ޝައްކު އުފެދޭ ފަދަ ކަމެއް ހުރި ލިޔުމެއްނަމަ، އެ ލިޔުމަކީ އޭގެ އަސްލުކަން ކަށަވަރު ކުުރުމަށްފަހު ނޫނީ ތައްގަނޑު ޖަހައިދީގެން ނުވާނެ ކަމަށާ ޚިދުމަތުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ.

އަދި ފުރިހަމަ ނަމާއި، ގާނޫނީ ވަކީލު ކަމުގެ ހުއްދައިގެ ނަންބަރާއި، އަސްލާ އެއްގޮތް ކަމުގެ ތާރީޚު ނެތް ނަމަ އެއީ އަސްލާ އެއްގޮތް ލިޔުމެއް ކަމުގައި ނުބެލޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ހުއްދަނެތި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދީނަމަ އެ ކަމުގެ ކުޑަ ބޮޑުމިނަށް ބަލާ ފުރަތަމަ ފަހަރު 25،000 ރުފިޔާއާ 50،000 ރުފިޔާއާ ދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ކަމުގެ ކުޑަ ބޮޑުމިނަށް ބަލާ ދެވަނަ ފަހަރު 50،000 ރުފިޔާއާ 150،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި ދެ ފަހަރަށް ވުރެ އިތުރުވެއްޖެ ނަމަ ކަމުގެ ކުޑަ ބޮޑުމިނަށް ބަލާ ކޮންމެ ފަހަރަކު 150،000 ރުފިޔާއާ 30،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ.

އަދި ޖޫރިމަނާ ކުރުމުގެ އިތުރުން އެކަންކުރި ފަރާތަކާ ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމުގެ ބާރު ބާ ކައުންސިލަށް ވަނީ ދީފައެވެ.