މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 1.2 ބިލިއަން ރުފިޔާ ބަލައިގެންފި އެވެ.
މީރާއިން މިއަދު ބުނީ މިދިޔަ ސެޕްޓެންބަރު މަހު އެ އޮތޯރިޓީއަށް ބަލައިގެން 1.2 ބިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.2 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ. އަދި މިއީ މިއަހަރުގެ މި މުއްދަތުގައި ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ 13 ޕަސެންޓް ދަށް އަދަދެއް ކަމަށެވެ.
މީރާއިން ބުނީ މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހާ އަޅާބަލާއިރު، މިއަހަރުގެ ސެޕްޓެންބަރު މަހު ޖީއެސްޓީ، ބީޕީޓީ އަދި ޓޫރިޒަމް ލޭންޑް ރެންޓުންގެ ގޮތުގައި ލިބުނު ފައިސާ އިތުުރުވެފައިވާ ކަމަށެވެ. ނަމަވެވެސް ސެޕްޓެންބަރު 2019 ގައި ލިބިފައިވާ ޖުމްލަ އާމްދަނީ ކުރީ އަހަރާ އަޅާ ބަލާއިރު ދަށްވެފައި ވަނީ 2018 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ލޭންޑް އިކިއުޒިޝަން ފީ އަދި ކޮންވާޝަން ފީ ގެ ގޮތުގައި ލިބިފައިވާ ފައިސާއަކީ ހަމައެކަނި އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާއަށް ވުމުން ކަމަށެވެ.
އަދި މިއަހަރުގެ ސެޕްޓެންބަރު މަހު ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އާމްދަނީ ދަށްވެފައިވާ މައިގަނޑު ސަބަބަކީ ޖީއެސްޓީ، ގްރީން ޓެކްސް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ އެ ފައިސާ ދައްކަންޖެހޭ ސުންގަޑީގައި ދައްކާފައި ނުވާތީ ކަމަށެވެ.
މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް ކުރަނީ ޖީއެސްޓީއެވެ. އެއީ 519.95 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 328.79 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އަދި ގްރީން ޓެކްސްގެ ގޮތގައި 74.34 މިލިއަން ރުފިޔާ، ބީޕީޓީގެ ގޮތުގައި 68.34 މިލިއަން ރުފިޔާ އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 66.79 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މީގެ އިތުރުން އެހެނިހެން ފީގެ ގޮތުގައި 162.32 މިލިއަން ރުފިޔާ ވަނީ މީރާއަށް ބަލައިގެންފައެވެ.
މީރާއިން ބުނީ މިދިޔަ މަހު ބަލައިގެންފައިވާ އާމްދަނީގެ ތެރޭގައި 56.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނޭ ކަމަށެވެ.