މުހައްމަދު ސައީދު

ނޫމަޑިއައް ބަދަލު ދޭކަށް ނުޖެހޭ: ސައީދު

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ބަދަލު ދޭން ޖެހޭ ސަބަބެއް ނެތްކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ނޫމަޑިއާ ހަވާލު ކުރި ދެ އެއްބަސްވުމެއް ގާނޫނާ ހިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން ޑޮލަރު ސަރުކާރުން ވަނީ ދައްކާފަ އެވެ. އަދި ސަރުކާރުން މި ފައިސާ ދައްކާފައި ވަނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން އެ މަޝްރޫއާ ގުޅޭ ޚާއްސަ އޮޑިޓެއް ކުރަމުން ދަނިކޮށެވެ. އެކަމާއި ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ރައީސް ޔާމީން ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ ނޫމަޑިއައް ބަދަލުދޭން ނުޖެހޭ ކަމަށެވެ. އަދި އެކަން ކަނޑައަޅަން ޖެހޭނީ ކޯޓުން ނުވަތަ ބައިނަލްއަގްވާމީ ވިޔަފާރީގެ މުއާމަލާތްތަކަށް ފުށުނާރާ ހަމަތައް ފުރިހަމަކޮށް ނިންމުމަށް ފަހުގައި ކަމަށެވެ.

ނޫމަޑިން ދިވެހި ސަރުކާރުގެ ފަރާތުން ބަދަލުގެ ގޮތުގައި ގާތްގަނޑަކަށް 155 މިލިއަން ޑޮލަރާއި އާބިޓްރޭޝަނާ ގުޅޭ އިތުރު ހަރަދުތައް ހޯދަން އެދި ނެދަލޭންޑްސްގެ ދަ ހޭގާގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ދެ މައްސަލައެއް ހުށަހެޅި އެވެ.

އެއް މައްސަލައަކީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިން ޔުނިޓް ތަރައްގީ ކުރަން ޖެނުއަރީ، 20، 2011، ގައި ސޮއި ކޮށްފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. އަދި އަނެއް މައްސަލައަކީ 500 ހައުސިން ޔުނިޓާއި ޕޮލިސް އެކަޑަމީ ފޭސް އެކަކާއި ތިން ރަށެއްގައި ނަރުދަމާގެ ނިޒާމު ތަރައްގީ ކުރަން މެއި، 30، 2013 ގައި ވެފައިވާ އެއްބަސްވުން ބާތިލް ކުރުމެވެ. މިއެއްބަސްވުންތައް ބާތިލްކޮށްފައިވަނީ މިދިޔަ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ޑރ. މުހައްމަދު މުއިއްޒު ހުންނަވަނިކޮށެވެ.

ހައުސިން މިނިސްޓްރީން ބުނީ، ނޫމަޑިގެ ފަރާތުން އާބިޓްރޭޝަނަށް ހުށަހެޅި މައްސަލަތައް އާބިޓްރޭޝަނުން ބޭރުގައި ދެފަރާތުން ވާހަކަ ދައްކައިގެން ހައްލު ކުރަން ދިވެހި ސަރުކާރުން ނިންމަވާފައި ވަނީ ރައީސް އެކުލަވާލައްވާފައިވާ ސެޓްލްމަންޓް ކޮމިޓީގައި އެ މައްސަލަތަކާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކުރުމަށްފަހު ކަމަށެވެ.

ނޫމަޑިއާ މަޝްވަރާކުރުމަށްފަހު ކޮމިޓީން ރައީސަށް ލަފާ އެރުވުމުން، ރައީސް ސޯލިހްގެ ހުއްދައާއެކު ސަރުކާރުގެ ފަރާތުން ނޫމަޑިއަށް ފުލް އަދި ފައިނަލް ސެޓްލްމަންޓްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި އެކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ 25 އޮގަސްޓު 2019 ގައި ކަމަށްވެސް ހައުސިން މިނިސްޓްރީން ބުނެއެވެ.

ނޫމަޑިއަށް ސަރުކާރުން 55 މިލިއަން ޑޮލަރުގެ ބަދަލެއް ދިނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން އެ މަޝްރޫއާ ގުޅޭ ޚާއްސަ އޮޑިޓެއް ކުރަމުން ދަނިކޮށް ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް އިތުުރު ތަފްސީލެއް ނުދެއެވެ.