ސައިންސް

ސްޕޭސްބިޓް: އެންމެ ލުއި ޖައްވީ އުޅަނދު!

ޖައްވުގައި ކުރާ ދިރާސާތަކަށް ބޭނުންކުރާ އުޅަނދު ތަކަކީ ވަރަށް ބަރު އުޅަނދުތަކެވެ. އެފަދަ ޖައްވީ އުޅަނދުތައް އުފުލަނީ ކެރޭން ތަކުންނެވެ. ސަބަބަކީ އުޅަނދު ބޮޑުވުމުން އެއަށް ބޭނުންވާ ހަކަތަ އުފައްދައި ދިނުމަށް ބޭނުންކުރާ ޖަނެރޭޓަރު ބޮޑު ކަމުންނެވެ. އެ ޖަނަރޭޓަޓުތައް އާންމު ޖަނަރޭޓަރުތަކާ ވެސް ތަފާތުވާނެ އެވެ. ސަބަބަކީ ގިނަ ފަހަރަށް އެ ޖަނެރޭޓަރުތައް މަސައްކަތް ކުރަނީ މެޝިން ލާނިން ޓެކްނޮލޮޖީ ނުވަތަ އާޓިފިޝަލް އިންޓެލިޖެސުގެ އެހީގައި ކަމަށް ވާތީ އެވެ.

އެހެންކަމުން ޖައްވީ މިޝަންތަކުގައި ބޭނުން ކުރާނެ ލުއި އުޅަނދެއް ތައްޔާރު ކުރުމަކީ ޖައްވީ އިދާރާތަކުގެ ހާސިލް ކުރަން ބޭނުންވާ ކަމެކެވެ. އާންމު ގޮތެއްގައި ޖައްވީ އުޅަނދުތަކުގެ ބަރު މިނުގައި 10 ޓަނާއި 20 ޓަނު ހުރެ އެވެ.

ލުއި ޖައްވީ އުޅަނދެއް އެންމެ ފުރަތަމަ އުފައްދާފައި މިވަނީ އިނގިރޭސިވިލާތު ޖައްވީ އިދާރާއިންނެވެ. އެ އުޅަނދުގައި ހުންނަނީ އެންމެ ކިލޯއެއްގެ ބަރުދަނެވެ. މި އުޅަނދު ވައްތަރުވާނީ ހަތަރު ފައިލީ ފައިދިގު މަކުނަކާ އެވެ. މި އުޅަނދު މިހާރު މަޝްހޫރުވެފައި ވަނީ ވެސް "ފޯ ލެގް ސްޕައިޑާ" ގެ ނަމުގަ އެވެ. ނަމަވެސް އެއް ކިލޯގެ މި އުޅަނދަށް ދީފައިވާ ރަސްމީ ނަމަކީ ސްޕޭސްބިޓް އެވެ. މިއީ އެންމެ ލުއި ޖައްވީ އުޅަނދެވެ.

އިނގިރޭސިވިލާތުގެ އިންޖީނިއަރުން މި އުޅަނދު އުފެއްދީ 2021 ވަނަ އަހަރު ހަނދަށް ފޮނުވުމުގެ އުއްމީދުގަ އެވެ. އުޅަނދުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ ނިމިފަ އެވެ. ރަސްމީކޮށް އުޅަނދުގެ މައުލޫމާތު ވެސް ވަނީ އާންމު ކޮށްފަ އެވެ.

މިއީ އިނގިރޭސިވިލާތުން ހަނދަށް ދިޔުމުގެ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ. އެހެން ކަމުން މިޝަނަށް ތައްޔާރުވުމުގެ މަސައްކަތް އެއް އަހަރު ވަންދެން ކުރާނެ އެވެ. ބޭނުމަކީ ރަނގަޅު ނުވެ ހުރި ކަންކަން ދެނެގަނެ އެކަންތައް ރަނގަޅު ކުރުމެވެ. މިއީ ފައިދިގު މަކުނެއްގެ ސިފައިގައި ޖައްވީ އުޅަނދެއް ތައްޔާތުރު ކުރިވެސް ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޖައްވީ ތައްޔާރުކުރި ޖައްވީ އުޅަނދުތަަށް ހުންނަނީ ރޮކެޓެއްގެ ސިފައިގައި ނުވަތަ ސެޓްލައިޓެއްގެ ސިފައިގަ އެވެ.

އުޅަނދު ތައްޔާރުކުރި އިނގިރޭސވިލާތުގެ ޖައްވީ އިދާރާގެ އިދާރާގެ ސީއީއޯ ޕަވްލޯ ޓަންސާޔުކް ވިދާޅުވީ، މި އުޅަނދުން އެޗްޑީކޮށް ވީޑިއޯ އަދި ފޮޓޯ ނެގެން ހުންނާނެ ކަމަށެވެ. އަދި އުޅަނދުގެ ދުވެލި އެހެން ޖައްވީ އުޅަނދުތަކަށް ވުރެ ހަލުވިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، 10 ދުވަސް ތެރޭގައި މި އުޅަނދަށް ދުނިޔެ ވަށާ ބުރެއް ޖެހޭނެ ކަމަށެވެ. މި އުޅަނދަށް ބޭނުންވާ ހަކަތަ އުފައްދައިދޭން ދެ ސޯލާ ޕެނަލްގެ އިތުރުން ބެކަޕް ސޯލާ ޕެނަލެއް ވެސް އިންދާފައި ވެއެވެ. އަދި އުޅަނދުގައި މެޝިން ލާނިން އާއި އާޓިފިޝަލް ޓެކްނޮޖީ ވެސް ހިމަނާފައިވާއިރު އުޅަނދު ކޮންޓްރޯލް ކުރުމަށް ހާއްސަ ޑިވައިސްތަކެއް ވަނީ ތައްޔާރުކޮށްފަ އެވެ.

އިނގިރޭސިވިލާތުން މި އުޅަނދު އުފައްދަން ހޭދަ ކޮށްފައިވަނީ 77 މިލިއަން ޑޮލަރެވެ. ނަން މަޝްހޫރު ޖައްވީ އިދާރާތަކުން މިހާތަނަށް އުފައްދާފައިވާ އުޅަނދުތަށް އުފެއްދުމަށް 100 މިލިއަން ވަރަކަށް ޑޮލަރު ހޭދަ ކުރަން ޖެހުނެވެ. އެހެން ކަމުން އިނގިރޭސިވިލާތުން މިވަނީ ޖައްވީ ރޭހުގެ ދެ ޝަރަފެއް ހޯދާފަ އެވެ. އެއީ އަގު ހެޔޮކަށް ޖައްވީ އުޅަނދު އުފެއްދުމާއި ލުއި ޖައްވީ އުޅަނދު އުފެއްދުމުގެ ޝަރަފެވެ.