ޗުއްޓީއަށާއި އެހެނިހެން ބޭނުންތަކަށް ބޭރު ގައުމަކަށް ދަތުރުކުރާ ނަމަ އެންމެ ބޮޑު ޝަކުވާއަކީ ފްލައިޓު ތެރޭގައި ގިނަ ވަގުތު ހޭދަ ކުރަން ޖެހުމެވެ. މި ޝަކުވާ ކުރާތާ ކިތަންމެ އަހަރެއްވި ނަމަވެސް ހައްލެއް ލިބިފައެއް ނުވެ އެވެ. ސަބަބަކީ މަތިންދާ ބޯޓު އުފައްދާ ކުންފުނިތަކުން ބޯޓުގެ ސްޕީޑު އިތުރު ކުރަން ބޭނުން ނުވާތީ އެވެ. ސްޕީޑު އިތުރު ނުކުރަން ވެގެން އާންމުކޮށް ކުންފުނިތަކުން ދައްކާ ބަހަނާއަކީ ސްޕީޑު އިތުރު ކޮށްފިނަމަ ވައިގެ ދަތުރުތަކަށް ބްރޫއަރައި ހާދިސާއެއް ހިނގައިފާނެ ކަމުގެ ބިރު އޮތުމެވެ. އެކަމަކު ދުރާލާ ރާވައިގެން ފްލައިޓުތައް ޝެޑިއުލް ކުރާނަމަ ހާދިސާތައް ހުއްޓުވޭނެ އެވެ. މިހާރުވެސް ބައެއް އަސްކަރީ ފްލައިޓުތަތަކީ ކޮމާޝިއަލް ފްލައިޓުތަކަށްވުރެ ހަލުވި ދުވެލީގައި އުދުހޭ ބޯޓްތަކެވެ.
ބޯޓްތައް އުފައްދާ ކުންފުނިތަކުން ދައްކާ ބަހަނާތަކަށް ގޮންޖެހުމަށްފަހު އިނގިރޭސިވިލާތުގެ ޖައްވީ އިދާރާއިން މިވަނީ ވައިގެ ދަތުރު ފަތުރުތަކަށް ހާއްސަ ކޮށްގެން ކޮމާޝަލް މަތިންދާ ބޯޓެއް ބަނުމުގެ މަސައްކަތް ފަށާފަ އެވެ. މިއީ އާންމުކޮށް ޖައްވީ އިދާރާތަކުން ކުރާ ކަމެއް ނޫނެވެ.
އިނގިރޭސިވިލާތުގެ ޖައްވީ އިދާރާއިން ބަނުމުގެ މަސައްކަތް ކުރަމުންދާ ހައިޕާސޮނިކް "ސްޕޭސް ޕްލޭން" އިން ދަތުރުތަކަށް ހޭދަވާ ވަގުތު ވަރަށް ބޮޑު ތަނުން ކުރު ކޮށްދޭނެ އެވެ. އެ އިދާރާގެ ބޭނުމަކީ ދުނިޔޭގެ ދަތުރު ފަތުރުގެ މައި ހަބަކަށް އިނގިރޭސިވިލާތް ހެދުމެވެ. އެގޮތުން ބަންނަން ފަށާފައިވާ ސްޕޭސް ޕްލޭން 2030 ވަނަ އަހަރުގެ ނިޔަލަށް ނިމި ހަމަ އެހަރު ބޭނުން ކުރަން ފަށާނެ އެވެ.
އިނގިރޭސިވިލާތުގެ ޖައްވީ އިދާރާއިން މައުލޫމާތު ދޭ ގޮތުގައި ސްޕޭސް ޕްލޭންއިން އޮސްޓްރޭލިއާގެ ސިޑްނީއަށް ހަތަރު ގަޑި އިރުން ދެވޭނެ އެވެ. އެއީ ލަންޑަންގެ އެއާޕޯޓަކުން ދަތުރުކުރާ ނަމަ އެވެ. ޓްރާންސިޓްކޮށް ލަންޑަނުން ސިޑްނީއަށް ދަތުރު ކުރާނަމަ 21 ގަޑިއިރާއި 40 މިނިޓު ދަތުރުގައި ހޭދަވާނެ އެވެ. އެއީ 17،020 ކިލޯ މީޓަރެވެ.
އޮސްޓްރޭލިއާގެ ޖައްވީ އިދާރާއާ ގުޅިގެން ބަނުމުގެ މަސައްކަތް ކުރަމުންދާ މި ބޯޓުގެ އިންޖީނު ތައްޔާރު ކުރާނީ ޖައްވީ އުޅަނދުތަކުގައި އިންޖީނު ތައްޔާރުކުރަން ބޭނުންކުރާ ދަ ސައިނާޖެޓިކް އެއާ ބްރީތިން ރޮކެޓް އިންޖީން (އެސްއޭބީއާރްއީ) ބޭނުން ކޮށްގެންނެވެ. އެހެންކަމުން ސްޕޭސް ޕްލޭންގެ ދަތުރު ހަލުއިވާނެ ކަމާމެދު ޝައްކު ކުރެވޭކަށް ނެތެވެ.
"މިހާރު ވަނީ ސްޕޭސް ޕްލޭންއަށް ހާއްސަ ކޮށްގެން އުފެއްދި އެސްއޭބީއާރްއީ އިންޖީނު ލަންޑަނަށް ގެނެސްފަ، އަދި އެ އިންޖީނު ފްލައިޓުގައި އެޅުވޭނެ ގޮތަށް ބަނުމުގެ މަސައްކަތް ކުރަމުންދަނީ، މިއީ ދަތުރުފަތުރަށް އަދި 11 އަހަރު ފަހުން އަންނާނެ އިންގިލާބެއް" އިނގިރޭސިވިލާތުގެ ޖައްވީ އިދާރާގެ ވެރިޔާ، ގްރަގަމް ޓާނޮކް ވިދާޅުވި އެވެ.
ދެހާސް ވަނަ އަހަރު އުފެއްދި ކޮންކޯޑް ފްލައިޓުގެ ސްޕީޑު ފެނިފައި ގިނަ ބަޔަކު ތިބީ އެފަދަ ދުވެއްޔެއް ލިބިގެންވާ ފްލައިޓެއްގައި ދަތުރު ކުރުމަށް ކެތްމަދުވެފަ އެވެ. އެކަން ކޮށްދޭން އަތުރު ކުރި އޮޅާލީ އިނގިރޭސިވިލާތުގެ ޖައްވީ އިދާރާއިންނެވެ. މިއަހަރުގެ އެޕްރީލް މަހު އިނގިރޭސވިލާތުގެ ޖައްވީ އިދާރާއިން ވަނީ އެސްއޭބީއާރްއީ އިންޖީނު ދެ ފަހަރެއްގެ މަތިން ޓެސްޓު ވެސް ކޮށްފަ އެވެ. އެކަން ސިއްރުން ކުރަނިކޮށް ކަމާނުބެހޭ ފަރާތްތަކަށް އެ މައުލޫމާތު ލިބުމުން އެސްއޭބީއާރްއީ ވަނީ އިންޖީނު ޓެސްޓު ކުރުން ވަނީ ހުއްޓާލާފަ އެވެ. އޭރު އަޑު ފެތުރިފައި އޮތީ ޖައްވީ އިދާރާއިން މަނާ ބާވަތެއްގެ މިސައިލެއް ތައްޔާރު ކުރަމުންދާ ކަމަށެވެ.
ސްޕޭސް ފްލޭން ތައްޔާރުކޮށް ނިމޭއިރު ކޮންކޯޑުގެ ސްޕީޑަށް ވުރެ 50 ގުނަ އިތުރުވާނެ އެވެ. ސްޕޭސް ޕްލޭންގެ ސްޕީޑު އުޅޭނީ ގާތްގަޑަކަށް ލޮކްހީޑް އެސްއާރް- 71 ގެ ސްޕީޑާ އެއް ހަމައެއްގަ އެވެ. ލޮކްހީޑް އެސްއާރް- 71 ވަނީ 1960 ވަނަ އަހަރު އެމެރިކާއިން އުފެއްދި އަސްކަރީ މަތިންދާ ބޯޓެކެވެ. އެ ފްލައިޓުގެ އިންޖީނު ތައްޔާރުކޮށްފައިވަނީ ޕްރިޓް އެންޑް ވިޓްނީ ޖޭ 58 ބޭނުން ކޮށްގެންނެވެ. އެސްއޭބީއާރްއީ އިންޖީނު މިއަށްވުރެ އެޑްވާންސްވާނެ އެވެ.