ވިޔަފާރި

އެއާޕޯޓް ސާވިސް ޗާޖަށް 552 މިލިއަން ރުފިޔާ ލިބިއްޖެ

Oct 14, 2019

މި އަހަރުގެ މިހާތަނަށް އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ލިބުނު އާމްދަނީ 552 މިލިއަން ރުފިޔާ އަށް އަރައިފި އެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 552 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތު ލިބިފައިވަނީ 489 މިލިއަން ރުފިޔާ އެވެ.

މީރާ އިން ބުނި ގޮތުގައި މި މުއްދަތުގައި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރުގެ ޖެނުއަރީ އިން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑޮލަރުން 36 މިލިއަން ޑޮލަރު ލިބުނުއިރު، މިދިޔަ އަހަރު ލިބިފައިވަނީ 31 މިލިއަން ޑޮލަރެވެ.

އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ މައި އެއާޕޯޓުން ބޭރަށް ފުރާ ކޮންމެ ދިވެއްސެއްގެ އަތުން 12 ޑޮލަރެވެ. އަދި ބިދޭސީއެއްގެ އަތުން 25 ޑޮލަރު ނަގަ އެވެ.

އެއާޕޯޓް ސާވިސް ޗާޖު އިތުރުވި ނަމަވެސް މިދިޔަ މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފަ އެވެ. ސެޕްޓެމްބަރު މަހު މީރާ އަށް ބަލައިގަނެފައިވަނީ 1.2 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށް ވުރެ 13 ޕަސެންޓް މަދު އަދަދެކެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.2 ޕަސެންޓް ދަށް ވުމެކެވެ. މި މުއްދަތުގައި ޖީއެސްޓީ އާއި ބީޕީޓީ އަދި ޓޫރިޒަމް ލޭންޑް އިތުރުވީނަމަވެސް، ސެޕްޓެމްބަރު މަހު ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ 2018 ގައި ލޭންޑް ލޭންޑް އެކުއެޒިޝަން ފީ އަދި ކޮންވާޝަން ފީއަކީ ހަމަ އެ މުއްދަތުގައި ދައްކަން ޖެހޭ ފީއެއް ކަމަށް ވުމުން ކަމަށެވެ. އަދި ސެޕްޓެމްބަރު މަހު ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ޖީއެސްޓީ އާއި ގްރީން ޓެކްސް އަދި ލޭންޑް ރެންޓުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ ސުންގަނޑި އަށް ދައްކާފައި ނުވުމެވެ.