އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ރަޝިއާ އާއި ޕޮލެންޑް ވެސް ކޮލިފައި ވެއްޖެ އެވެ.
ރަޝިއާ އާއި ޕޮލެންޑް ކޮލިފައިންގެ ޖާގަ ކަށަވަރު ކުރުމުން، މިހާތަނަށް ހަތަރު ގައުމެއް ވަނީ ޔޫރޯގެ ޖާގަ ޔަގީން ކޮށްފަ އެވެ. އެއީ އެންމެ ފުރަތަމަ ޖާގަ ހޯދި ބެލްޖިއަމާއި އިޓަލީ އާއި ރަޝިއާ އަދި ރޭ އެންމެ ފަހުން ޖާގަ ހޯދި ޕޮލެންޑެވެ.
ޜަޝިއާ މުބާރާތުގެ ޖާގަ ޔަގީން ކުރީ ސައިޕްރަސްގެ މައްޗަށް 5-0 ން މޮޅު ވެގެންނެވެ. އަމިއްލަ ގައުމުގައި މިދިޔަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކުރި ރަޝިއާ ރޭ ކުޅުނު މެޗުގައި ޑެނިޝް ޗެރިޝޭވް ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު އޭނާ ކާމިޔާބު ކުރީ ނުވަ ވަނަ މިނެޓްގަ އެވެ. އޮޒްޑިއެވް ވަނީ 22 ވަނަ މިނެޓްގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
މެޗުގެ 27 ވަނަ މިނެޓްގައި ކުރި ޓެކުލަކާ ގުޅިގެން ކޮންސްޓަންޓިނޯސް ލައިފިސްއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މެޗުގެ ބޮޑު ބައެއް އެއް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުން ސައިޕްރަސްއަށް އުނދަގޫ ކުރިމަތި ވިއެވެ.
ރަޝިއާގެ އަނެއް ދެ ލަނޑު ކާމިޔާބު ކުރީ އާޓެން ޒޫބާ އާައި ގޮލޮވިން އެވެ. ޗެރިޝޭވްގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް ރަޝީއާއަށް މެޗުގެ ނަތީޖާ 5-0 ބަދަލު ކޮށްދިނީ މެޗުގެ ފަހު ވަގުތުގަ އެވެ. ރަޝިއާ ވޯލްޑްކަޕަށް ކޮލިފައިވީ، ގުރޫޕް އައި ގެ ދެވަނަ ހޯދައިގެންނެވެ. އެ ގުރޫޕްގެ އެއް ވަނަ ހޯދީ ބެލްޖިއަމް އެވެ.
ޕޮލެންޑް ކޮލިފައިވީ އުތުރު މެސަޑޯނިއާގެ މައްޗަށް 2-0 ން މޮޅު ވެގްނެނެވެ. ރޮބަޓް ލެވަންޑޮސްކީ ނެގި ހުރަހަކުން ޕޮލެންޑް ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ޕްރެމިޝްލާވް ފްރެންކޮސްކީ އެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަރުކާޑިއުޝް މިލިކް އެވެ. އޭނާވެސް ލަނޑު ޖެހީ ލެވަންޑޮސްކީ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.
ޕޮލެންޑް ކޮލިފައިވީ ގުރޫޕް ޖީގެ އެއް ވަނަ މަގާމު ކަށަވަރު ކޮށްގެންނެވެ.