ސ. ހިތަދޫ

ހިތަދޫ ފްލެޓްތައް ހަވާލު ކުރަން ފަށައިފި

Oct 14, 2019

އައްޑޫ ސިޓީގެ ހިތަދޫގައި ގާއިމް ކޮށްފައިވާ ފްލެޓްތައް ވެރިފަރާތްތަކާއި ހަވާލު ކުރަން ފަށައިފި އެވެ.

ކުރީގެ ރައީސް އަބުދުﷲ ޔާމީިންގެ ސަރުކާރުން ހިތަދޫގައި 264 ފްލެޓް އިމާރާތްކޮށްފައި ވެއެވެ. އެ ފްލެޓްތައް ހައުސިން މިނިސްޓްރީން އިއްޔެ ވަނީ ދޫކުރަން ފަށާފަ އެވެ.

މިނިސްޓްރީން ބުނީ ހިތަދޫގެ 264 ފްލެޓް ލިބޭ ހައްގުވެރި ފަރާތްތަކަށް ފްލެޓް އެގްރީމެންޓްގައި ސޮއިކޮށް ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިއަށްދާ ކަމަށެވެ.

ހިތަދޫގައި އަޅާފައިވާ 264 ފްލެޓުގެ ތެރެއިން 150 ފްލެޓު ހާއްސަކޮށްފައި ވަނީ އެ އަވަށު ރައްޔިތުންނަށެވެ. މަރަދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންގެ ތެރެއިން ހިތަދޫއަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށް 30 ފްލެޓް ހާއްސަ ކޮށްފައިވާއިރު 50 ފްލެޓް ހާއްސަ ކޮށްފައި ވަނީ ފޭދޫގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

ހިތަދޫގައި އަޅާފައިވާ ފްލެޓުތައް ހަވާލުކުރަން ފަށާފައިވާއިރު ހުޅުދޫގައި އެޅި 48 ފްލެޓް ދޫކުރުމަށް ވެސް މިހާރު ދަނީ ތައްޔާރު ވަމުންނެވެ. އަދި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި އަޅަން ނިންމާފައިވާ 1500 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު އައްޑޫ ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ.