ގދ. ތިނަދޫ އާއި ސ. ހިތަދޫގައި ހައުސިން ޔުނިޓްތައް އިމާރާތް ކޮށްފައިވާ ސަރަހައްދުގައި ލޭންޑްސްކޭޕިންގެ މަސައްކަތް ކުރަން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކޮށްފި އެވެ.
މި މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ މިއަދު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ތިނަދޫ ހައުސިން ޔުނިޓް އިމާރާތް ކޮށްފައިވާ ސަރަހައްދުގެ ލޭންޑްސްކޭޕިން އާއި މަގުބައްތި ޖެހުން ހަވާލު ކޮށްފައި ވަނީ 4.7 މިލިއަން ރުފިޔާއަށް 120 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ. އަދި އައްޑޫސިޓީ ހިތަދޫގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ 5.3 މިލިއަން ރުފިޔާއަށް ޖުމްލަ 180 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް ޝަރީފް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ ސީނިއާ މެނޭޖަރު ހަސަން ޔާސިރެވެ.
އެއްބަސްވުމުގައި ސޮއި ކުރައްވާ ވާހަކަ ދައްކަވަމުން ހާލިސް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ނިމޭއިރު ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަށް ހިތްހަމަ ޖައްސާ ނިކުމެލާނެ ތަނެއް ގާއިމްކުރާނެ ކަމަށެވެ. އަދި ގަސް އިންދަން ހާއްސަ ތަނެއް ގާއިމްކޮށް ކުޑަކުދިން ކުޅޭނެ ސަރަހައްދެއް ގާއިމް ކުރާނެ ކަމަށެވެ.
"މި މަސައްކަތް ނިމޭއިރު މި ސަރައްހައްދު ވަރަށް ޖަޒީރާވަންތަ ވާނެ. މި ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަށް ހިތަހަމަ ޖައްސާ ނިކުމެލާނެ ތަންކޮޅެއް ޖޯލިފަތިތައް ބަހައްޓާ ހަދާނެ. ކުޑަކުދިން ކުލޭނެ ޕާކެއްވެސް މިތަން ނިމޭއިރު ހުންނާނެ. ދެން ގަސް އިންދަން ބޭނުންވާނެތާ އެންމެންވެސް. އެހެންވެ އެކަމަށްވެސް އަޅުގަނޑުމެން ހާއްސަ ތަންކޮޅެއް ގާއިމް ކޮށްދޭނަން." އޭނާ ވިދާޅުވި އެވެ.
ހާލިސް އިތުރަށް ވިދާޅޫވީ ހަވާލުކުރެވިފައިވާ ދުވަހަށް ނުވަތަ އެއަށްވުރެ އަވަހަށް މި މަސައްކަތް އާރްޑީސީން ނިންމާދޭނެ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި މިކަމަކީ އެތަންތަނުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އިންތިޒާރެއް ކަމަށްވެސް ވިދާޅުވި އެވެ.