ތުރުކީގެ ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހެމުންދާ ކުރުދީންނާ އެހީތެރިވުމުގެ މަސައްކަތް ސީރިއާގެ އަސްކަރިއްޔާއިން ފަށައިފި އެވެ. ތުރުކީން މިހާރުވަނީ އެގައުމުގެ އުތުރު ބޯޑަރު ކައިރިއަށް އަސްކަރިއްޔާގެ ގިނަ ބަޔަކު ފޮނުވާފަ އެވެ.
ސީރިއާގެ ސިފައިން ހަނގުރާމަކުރާ ސަރަހައްދަށް ޖަމާވެފައިވަނީ، އެ ހިސާބުގައި ތިބި އެމެރިކާ ސިފައިން އެމީހުންގެ ރައްކަލަކަށް ސަރަހައްދު ދޫކޮށް ދިޔުމަށް ނިންމުންނެވެ. ކުރުދީންނަށް އެހީވުމުގެ ގޮތުން ސީރިއާގެ އަސްކަރިއްޔާއިން ތުރުކީގެ ފައުޖުތަކާ ދެކޮޅަށް ހަމަލާ ދިނުމަށް ވަނީ ނިންމާފަ އެވެ. މިހަމަލާތަށް ދޭނީ ކުރުދީންނާ ގުޅިގެންނެވެ.
ތުރުކީގެ އަސްކަރީ އޮޕަރޭޝަންތަކުގެ ސަބަބުން އާންމު ރައްޔިތުންނަށް ދަތިވާނަމަ ހަނގުރާމައަކަށް ދާން ޖެހިދާނެ ކަމުގެ އިންޒާރު ސީރިއާ ސަރުކާރުން ވަނީ ކުރިން ދީފަ އެވެ. ކުރުދީންނަކީ ސީރިއާގައި ގާއިމްވެތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން ބަލިކުރުމަށް އެމެރިކާގެ އާއި ސީރިއާގެ އެހީގައި ހަނގުރާމަ ކުރަމުން ދިޔަ ޖަމާއަތެކެވެ. ފަހުން ވަނީ އަމިއްލަ ދައުލަތެއް ގާއިމްކުރަން އެދި ގޮވާލާ މުޒާހަރާ ކޮށްފަ އެވެ.
އުތުރުގައި ތުރުކީން ފަށާފައިވާ އަސްކަރީ އޮޕަރޭޝަންގައި މިހާތަނަށް ދެ މީހަކު މަރުވެފައިވާއިރު ގިނަ އަދަދެއްގެ މީހުން ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ދޫކޮށްފަ އެވެ. ތުރުކީގެ ސަބަބުން ބޯޑަރު ސަރަހައްދުގައި ދިރިއުޅޭ ކުރުދީންގެ އިންސާނީ ހައްގުތަށް ގެއްލޭކަމަށް ބުނެ އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފައުޅުކޮށްފަ އެވެ. އަދި ތުރުކީގެ އިގްތިސޯދަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.