ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމުން އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ ހުސްވެފައިވާ މެންބަރަކު އައްޔަން ކުރެއްވުމަށް މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
އޭގެ އިތުރުން ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެން ވަޒީފާއެއް އަދާ ކުރާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ވެގެން ނުވާނެ އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމުން ޝަހީބު އިސްތިއުފާ ދެއްވީ، އޭނާގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައި އެ މައްސަލަ ތަޅުމުގައި އެޖެންޑާ ކޮށްފައި ވަނިކޮށެވެ. ޝަހީބުގެ އިތުރުން އެ ކޮމިޝަންގެ މެންބަރު ކަމުން ފާތިމަތު ޒައިނާ ވަކި ކުރަން ވެސް ކޮމިޓީން ނިންމި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 56 މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ ބްރޯޑްކޮމްގެ މެންބަރު ކަމުން ޒައިނާ ވަކިކުރުމަށް ފާސްކޮށްފަ އެވެ. ޒައިނާ ވަކިކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވި އެވެ.
މީގެކުރިން ބްރޯޑްކޮމްގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން އާއި ހަސަން ނަބާހު ވެސް އެ ކޮމިޝަނުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އޭރު ހުސްވި ދެ މަގާމަށް 36 ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ނަންތައް ދިރާސާ ކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ދަނީ ކުރަމުންނެވެ.
އެ ކޮމިޝަންގައި މިހާރު ތިއްބެވީ ތިން މެންބަރެކެވެ. އެއީ މެންބަރު ޒީނާ ޒަހީރާއި މެންބަރު އައިމިނަތު ސަހާރަތު އިއްޒަތުގެ އިތުރުން މެންބަރު އަމްޖަދު ވަހީދެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އެ މެންބަރުންގެ މައްސަލަތައް ވެސް ވަކިވަކިން ބަލައިފަ އެވެ. ނަމަވެސް އެ މެންބަރުން ވަކިކުރުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލިއިރު، މީޑިއާތަކަށް އެއް މުއައްސާސާއެއް ބޭއްވުމުގެ ގޮތުން ބްރޯޑްކޮމް އާއި މޯލްޑިވްސް މީޑިއާ ކައުންސިލް އެއްކޮށްލުމުގެ މަޝްވަރާތަކެއް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ފަށައިފަ އެވެ. މީޑިއާ ކައުންސިލްގެ ބޭފުޅުން ވަނީ މީޑިއާތަކަށް އެއް މުއައްސަސާއެއް ބާއްވަން ކޮމިޓީއަށް ހުށަހަޅައިފަ އެވެ.