ހަބަރު

ކޭޕާކްގެ ވެރިޔާއާ ކޮރެއާ ވިޔަފާރިވެރިޔާއާ ރައީސް ބައްދަލު ކުރައްވައިފި

Oct 14, 2019
3

ހުޅުމާލޭގައި ހަދަމުން ދާ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިން، "ކޭޕާކް ރެސިޑެންސް" ގެ ދެކުނު ކޮރެއާ މިލިއަނަރު، އޯނަރާއި އޭނާގެ ރާއްޖޭ ޕާޓްނަރު ހަމްބޯ މޯލްޑިވްސްގެ ވެރިޔާ އަދި ޒުވާން ވިޔަފާރިވެރިޔާ، ހަސަން މަމްދޫހު (މަންޑޭ) މިރޭ ރައީސުލްޖުމްހޫރިއްޔާއާ މުލިއާގޭގައި ބައްދަލު ކުރައްވައިފި އެވެ.

ރައީސާ ބައްދަލު ކުރެއްވުމަށް ދެކުނު ކޮރެއާގެ މިލިނަރު ރާއްޖެ ވަޑައިގެންނެވީ އިއްުޔެ ކަމަށް ވެއެވެ. އޭނާއާ މަންޑޭ މިރޭ ރައީސް ސޯލިހާ ބައްދަލު ކުރައްވާ އިރު ކޮރެއާގެ ކުންފުނީގެ އެހެން ބައެއް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އަދި އެ ބައްދަލުވުމުގައި ސްޕޯޓް މިނިސްޓަރު އަހުމަދު މަހުލޫފާއި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޝަރީފު ބައިވެރިވެ ވަޑައިގެންނެވީ ކޮން ހައިސިއްޔަތަކުން ކަމެއް ސާފެއް ނުވި އެވެ.

އެ ބޭފުޅުން ރައީސާ ބައްދަލު ކުރައްވަން މުލިއާގެއަށް ވަން މަންޒަރު ފެންނަ ފޮޓޯއެއް ވެސް އަވަސް އަށް ލިބިފައި ވެއެވެ.

އެނގިފައިވާ ގޮތުގައި މި ބައްދަލު ވުމުގައި މަންޑޭގެ ހަމްބޯ މޯލްޑިވްސް މެދުވެރިކޮށް ގްރޭޓާ މާލޭ އޭރިއާގެ ޓްރާންސްޕޯޓް ލިންކުގެ މެގަ ޕްރޮކްޖެކްޓެއް ހިނގާށާއި ރާއްޖޭގެ ކުޅިވަރު ފެސިލިޓީޒްތައް އެންމެ ޒަމާނީ ފެންވަރަށް ތަރައްގީކޮށްދޭނެ ބޮޑު ޕްރޮޖެކްޓެއް ކޮރެއާގެ މިލިއަނަރު ރައީސަށް ހުށަހަޅުއްވާނެ އެވެ.

މަންޑޭ އޭނާގެ ކޮރެއާ ޕާޓްނަރާއެކު މިރޭ ރައީސާ ބައްދަލު ކުރެއްވި އިރު މިއަދު މެންދުރު މަޝްހޫރު ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އާއެކު އޭނާގެ ޕްރައިވެޓް އައިލެންޑް ގަމަރު ގިރީގައި ބައްދަލު ކޮށްފައި ވެއެވެ.

މަންޑޭގެ ހަންބޯ މޯލްޑިވްސްއާ ގުޅިގެން ކޮރެއާ މިލިއަނަރު ހުޅުމާލޭގައި އަޅާ 14 ބުރީގެ ލަގްޒަރީ އެޕާޓްމަންޓް ބިލްޑިލް އަންނަ ޖެނުއަރީގައި ނިމޭނެ އެވެ.