ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ނައިބު ރައީސް ފާތިމަތު ޒައިނާ އެ ކޮމިޝަންގެ މެންބަރު ކަމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސް ކުރުމާއެކު އެ ކޮމިޝަން ގާނޫނީ ހުސްކަމެއްގެ ތެރެއަށް ހިނގައްޖެ އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގައި ހަތް މެންބަރުން ތިއްބަވާއިރު، މިހާރު އެ ކޮމިޝަންގައި ތިއްބެވީ ތިން މެންބަރުންނެވެ.
ބްރޯޑްކޮމްގެ ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބާއި، އެ ކޮމިޝަންގެ ކުރީގެ ނާއިބު ރައީސް އިސްމާއީލް ސޮފްވާން އަދި ކޮމިޝަންގެ މެންބަރަަށް ހުންނެވި ހަސަން ނަބާހް ވަނީ ކޮމިޝަނުން އިސްތިއުފާ ދެއްވާފަ އެވެ.
ޝަހީބު އިސްތިއުފާ ދެއްވީ ބްރޯޑްކޮމްގެ މެންބަރުން ގާނޫނީ ގޮތުން އަދާ ކުރަން ޖެހޭ ޒިންމާތައް އަދާ ކުރުމުގައި އިހުމާލުވެފައިވާ މައްސަލައެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލައި އޭނާ ވަކި ކުރަން އެ ކޮމިޓީން ފާސް ކުރުމާއި ގުޅިގެންނެވެ. ސޮފްވާނާއި ނަބާހު އިސްތިއުފާ ދެއްވީ އެ މެންބަރުންގެ މައްސަލަތައް ވެސް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ފެށުމުންނެވެ.
ބްރޯޑްކޮމްގައި ބާކީ ތިއްބެވީ ތިން މެންބަރުންނަކީ މެންބަރު ޒީނާ ޒާހިރާއި މެންބަރު އައިމިނަތު ސަހާރަތު އިއްޒަތު، އަދި މެންބަރު އަމްޖަދު ވަހީދެވެ.
ނަމަވެސް އެ ކޮމިޝަންގެ ބައްދަލްވުމެއް ބޭއްވޭނެ ގާނޫނީ އަދަދަކީ ހަތަރެކެވެ. އެހެންކަމުން އެ ކޮމިޝަން ވަނީ ގާނޫނީ ހުސްކަމެއްގެ ތެރެއަށް ގޮސްފައެވެ.
ރައީސް އޮފީހުން މިއަދު ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެ ފުރުސަތު ހުޅުވާލީ އެ ކޮމިޝަންގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު ޝަހީބު އިސްތިއުފާ ދެއްވުމާ ގުޅިގެން ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ބްރޯޑްކޮމްގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ ހުސްވެފައިވާ މެންބަރަކު އައްޔަން ކުރެއްވުމަށް މެންބަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރާ މީހަކީ އުމުރުން 18 އަހަރުވެފައިވާ ދިވެއްސަކަށް ވާން ޖެހެ އެވެ. އަދި އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ކުރިން ކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ ނުވާ މީހަކަށް ވެސް ވާން ޖެހެ އެވެ.
އޭގެ އިތުރުން ގާނޫނު އަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަން ކުރެވޭ މަގާމެއްގައި ހުރި މީހަކަށް ނުވަތަ ސިވިލް ސާވިސްގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެން ވަޒީފާއެއް އަދާ ކުރާ މީހަކަށް ވެގެން ނުވާނެ އެވެ. އަދި ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓް ކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކަށް ވެގެން ނުވާނެ އެވެ.
އެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި ބްރޯޑްކޮމްއަށް މެންބަރަކު އައްޔަން ކުރާނެ ކަމަށް ބެލެވެއެވެ. މި ކޮމިޝަން ގާނޫނީ ހުސް ކަމުގެ ތެރޭގައި އޮތް އިރު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާއި މީރާ ވެސް ވަނީ ގާނޫނީ ހުސް ކަމުގެ ތެރޭގަ އެވެ.