ހައިޑްރޮގްރަފީ ޔުނިޓެއް ގާއިމުކޮށް ސާވޭ ފެށުމަށް އިންޑިއާގެ 40 ސިފައިން ރާއްޖެ އައިސްފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމްއެންޑީއެފުން ދޮގުކޮށްފި އެވެ.
އެމްއެންޑީއެފްގެ އިސް ތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ ހައިޑްރޮގްރަފީއާ ގުޅޭ އެއްވެސް މަަސައްކަތެއް މިވަގުތު ނުހިނގާ ކަމަށެވެ. އަދި އެކަމުގެ މަސައްކަތް ފެށުމަށް ސާވޭއެއް ކުރުމަށް ކުރުމަށް އިންޑިއާ ސިފައިން ރާއްޖެ ވެސް އައިސްފައި ނުވާ ކަމަށެވެ.
އާޒިމްް ވިދާޅުވީ ހައިޑްރޮގްރަފީ ޔުނިޓެއް ގާއިމުކުރުމަށް އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ސާވޭ ފެށޭވަރު ވާނީ އަންނަ އަަހަރުގެ މެދު ތެރޭގައި ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފްއިން މިހެން ބުނެފައިވަނީ ހައިޑްރޮގްރަފީ ޔުނިޓެއް ގާއިމުކޮށް ސާވޭ ފެށުމަށް އިންޑިއާގެ 40 ސިފައިން ރާއްޖެ އައިސްފައިވާ ކަމަށް ބުނާ މެސެޖްތަކެއް ދަނީ ދައުރުވަމުން ދަނިކޮށެވެ. އަދި އެކަމަށް ބޭނުންވާ ކަނޑު އުޅަނދެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް އެ މެސެޖްގައި ވަނީ ބުނެފައެވެ. އެ އުނޅަދު ވެސް ހެލްކޮޕްޓަރު ދިން ފަދައިން ރާއްޖެއަށް ހަދިޔާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް މެސެޖްގައި ބުނެއެވެ.
އާޒިމް ވިދާޅުވީ އިންޑިއާގެ ހިލޭ އެހީގެ ދަށުން އެފްއައިސީ ޕެޓްރޯލް ލޯންޗެއް މިމަހުގެ ފަހު ކޮޅު ހަދިޔާ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލް ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ހައިޑްރޮގްރަފީ ޔުނިޓެއް ގާއިމުކުރުމަށް އިންޑިއާ އަސްކަރިއްޔާގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވަނީ އިންޑިއާގެ ޗީފް އޮފް އާމީ ބިޕިން ރާވަތު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައެވެ. ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު ވެސް އެފަދަ މަޝްވަރާތަކެއް އިންޑިއާއާކު ވަނީ ކޮށްފަ އެވެ.