ސައިންސް

މާސްގައި އާބަދުވުމުގެ އުންމީދު ފަނޑުވަނީ!

އިރުގެ ނިޒާމުން ދުނިޔެއާ އެންމެ ކައިރީގައިވާ ޕްލެނެޓް ކަމަށްވާ މާސްގައި އިންސާނުނަށް އެކަށީގެންވާ ވެއްޓެއް ގާއިމްކޮށް އިންސާނުން އާބާދު ކުރަން ކުރަމުން އައި މަސައްކަތަށް މިހާރު ވަނީ ބޮޑު ފަނޑު ކަމެއް އައިސްފަ އެވެ. ސްޕޭސް އެކްސް ކުންފުނީގެ ބާނީ އިލޯން މާސްކު ވެސް މިވަނީ މާސްގައި އިންސާނުން އާބަދު ނުކުރެވޭނެ ފަދަ މޭރުމަކުން މިހާރު ވާހަކަ ދައްކަން ފަށާފަ އެވެ. މިއީ ސްޕޭސް އެކްސް އާއި ޗައިނާ، އަދި އެމެރިކާއިން ޖައްވީ ރޭހުގައި ކުރި ހޭދަ އާމެދު ހިތާމަ ކުރަން ޖެހޭނެ ވަގުތެވެ. މި އަހަރުގެ ނޯބެލް އިނާމު ހާސިލް ކުރެއްވި ސައިންސްވެރިޔާ މައިކަލް މޭޔާ ވިދާޅުވި ގޮތުގައި މާސްއަކީ އިންސާނުންނަށް އެކަށީގެންވާ ވެއްޓަކަށް ނުހެދޭނެ އެވެ.

ސައިންސްގެ ރޮގުން ނޯބެލް އިނާމު ހާސިލު ކުރައްވާ ބޭފުޅުންގެ ބަސް އާންމުކޮށް ހިނގަ އެވެ. ނަމަވެސް މިހާރު ވެސް ކުރީގެ ދިރާސާތަކަށް ބާރުދީ ވާހަކަ ދައްކާ ސައިންސްވެރިން އެބަ ތިއްބެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މާސްއިން ވިހަ ގޭސްތައް ނައްތާލައި އޮކްސިޖަން ލެވެސް މަތި ކޮށްފިނަމަ އިންސާނުންނަށް މާސްގައި އުޅެވޭނެ އެވެ.

މިކަން ކުރަން އޮތީ ދެގޮތެވެ. އެއް ގޮތަކީ މާސްގައި ހުރި އައިސް ގަނޑުތައް ވިރުވާ ލުމެވެ. އަނެއް ގޮތަކީ އާޓިފިޝަލް ވައި ބޭނުން ކޮށްގެން މާސްއިން ވިހަ ގޭސްތައް ދުރަށް ބުރުވާލުމެވެ. އެކަމަކު އަދި މިއިން އެއްވެސް ކަމެއް ކުރެވޭނެ ގާބިލް ކަމެއް އެއްވެސް ޖައްވީ އިދާރާއަކަށް ލިބިފައެއް ނުވެ އެވެ. އެއީ ނާސާ ކަމަށް ވިޔަސް އަދި ޖައްވީ ޓޫރިޒަމް ފުޅާ ކުރަން އުޅޭ ސްޕޭސް އެކްސް ކުންފުނި ކަމަށް ވިޔަސް އެވެ.

މައިކަލް މޭޔާ ވަނީ ޖައްވީ އިދާރާތަކުގެ އުފެއްދުންތެރިކަމާ މެދު ސުވާލު އުފައްދާފަ އެވެ. މައިކަލް މޭޔާ ވިދާޅުވި ގޮތުގައި ދުނިޔެއާ އެންމެ ކައިރީގައިވާ މާސްއަށް ދަތުރު ކުރަން ނަގާ އެތައް އަލި އަހަރު، ގާތްގަނޑަކަށް ހަތަރު މަހާއި ހަ މަސް ދުވަހުގެ މުއްދަތު ކުރު ކުރަން ޖެހެ އެވެ.

އެކަން ޖައްވީ އިދާރާތަކުން ވެސް ގަބޫލުކުރެ އެވެ. މުއްދަތު ކުރު ކުރުމުގެ ގޮތުން ނިއުކްލިއާ ހަކަތަ ބޭނުން ކޮށްގެން އުޅަނދު އުފެއްދުމަށް ނާސާއިން ކުރާ މަސައްކަތަށް އަދި އެއްވެސް އަލި މަގެއް ނުފެނެ އެވެ. މުއްދަތު ކުރު ކުރުމަށް ޓެކްނޮލޮޖީ ބޭނުން ހިފަން ޖައްވީ އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އެކަން ފަސޭހައިން އަދި ނުކުރެވޭނެ ކަމަށް މައިކަލް މޭޔާ ވިދާޅުވެ އެވެެ.

މައިކަލް ވިދާޅުވި ގޮތުގައި ޖައްވީ ރޭހުގައި ކުރި އެރުމަށް އަހަަރަކު އެތަކެއް ބިލިއަން ހޭދަ ކުރަން ޖެހޭއިރު އެންމެ ބޮޑު އިގްތިސޯދު ކަމަށްވާ ޗައިނާ އާއި އެެމެރިކާ އޮތީ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން އިނދެޖެހެން ކައިރިވެފަ އެވެ.

ޗައިނާއާ ދެކޮޅަށް އެެމެރިކާއިން އެޅި ފިޔަވަޅުން ދެ ގައުމަށް ލިބެމުންދާ އިގްތިސޯދީ ގެއްލުންތަކުގެ ފައިދާ ނަގަނީ ކުޑަކުޑަ ސިންގަޕޫރުންނެވެ. އެހެންކަމުން މި ދެ ގައުމުން ޖައްވީ ހޯދުންތަކަށް ކަނޑައަޅާ ބަޖެޓް ކުރިއަށް އަހަރު ތަކުގައި ބޮޑުތަނުން ކުޑަ ކުރަން ޖެހޭނެ އެވެ.

މައިކަލްގެ ވާހަކަތަކަށް ތާއީދުކޮށް ނާސާގެ ސައިންސްވެރިން ވަނީ މާސްގައި އިންސާނުން އާބާދު ކުރުމަށް ކުރާ މަސައްކަތް ނިމުމަކަށް ގެނައުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފަ އެވެ. ނާސާއިން މާސްގެ މިޝަންތައް ހުއްޓާލާނަމަ ދެން އަމާޒު ހިފާނީ ވީނަސް އަށާއި ހަނދުގެ ދިރާސާތައް ކުރާށެވެ. އެހެންކަމުން ފޯރީގައި ކުރަމުން އައި އެ މަސައްކަތަށް މިހާރު މި ވަނީ ކޮޅެއްގައި ނުޖެހި ނިމެން ގާތްވެފަ އެވެ.