ދުނިޔެ

ނޭވާފުޅު ލެއްވުމަށް ދަތިފުޅުވާތީ ސައޫދީ ރަސްގެފާނުގެ ފުއްޕާމެޔަށް ހޮޅިއެއް ލައްވައިފި

ސައޫދީ އަރަބިއްޔާގެ ރަސްގެފާނު އަބްދުﷲ ބިން އަބްދުލް އަޒީޒަށް ނިއުމޯނިއާ ޖެހިފައިވާ ކަމަށާއި ނޭވާފުޅު ލެއްވުމަށް ދަތިފުޅުވާތީ ފުއްޕާމެޔަށް ހޮޅިއެއް ލައްވާފައިވާ ކަމަށް ޝާހީ ގަނޑުވަރުން ބުނެފި އެވެ.

މިދިޔަ ހަފުތާއިން ފެށިގެން ހޮސްޕިޓަލްގައި ބާއްވައިގެން ރަސްގެފާނަށް ފަރުވާ ދެމުން އަންނައިރު ގަނޑުވަރުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވަނީ އުމުރުފުޅުން 90 އަހަރުގެ ރަސްގެފާނަށް މިހާރު ފަރުވާ ދެމުން ގެންދަނީ އަސްކަރީ ހޮސްޕިޓަލެއްގައި ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ރަސްގެފާނަށް ފަރުވާ ދޭން ފެނީ ނޭވާފުޅު ކުރުވެ އަދި ބުރަކަށީގައި ރިއްސާތީ ކަމަށެވެ.

ބަޔާނުގައި ބުނެފައި ވަނީ ރަސްގެފާނުގެ ފުއްޕާމޭގައި އިންފެކްޝަން އުފެދިފައިވާ ކަމަށް ޓެސްޓުތަކުން ދައްކާފައިވާ ކަމަށެވެ. ނޭވާފުޅު ލެއްވުމަށް ފަސޭހައަކަށް ހޮޅިއެއް ގުޅި ނަމަވެސް ރަސްގެފާނުގެ އާލާސްކަންފުޅު ބޮޑުވަމުން ނުދާ ކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އަބްދުﷲ ރަސްކަމާ ހަވާލުވެ ވަޑައިގަތީ 2005 ވަަނަ އަހަރު އެވެ. ނަމަވެސް 1990ގެ ތެރެއިން ފެށިގެން ރަސްކަމުގެ ގިނަ ބާރުތައް އޮތީ އަބްދުﷲއާ ހަވާލުވެފަ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން 2010 ވަނަ އަހަރާއި 2011 ވަނަ އަަހަރު އަދި 2012 ވަނަ އަހަރު ރަސްގެފާނު ވަނީ އެމެރިކާގެ ނިއު ޔޯކްގައި މައިބަދައިގެ އޮޕަރޭޝަންތަކެއް ކުރައްވައިފަ އެވެ.

މިދިޔަ އަހަރުގެ މާޗް މަހު ރަސްގެފާނު އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ ބައްދަލުކުރެއްވި އިރު އޮކްސިޖަން ޓިއުބެއް ގުޅާފައިވާ ކަމަށް ރަސްމިއްޔާތުގެ ފޮޓޯތަކުން ފާހަގަވެފައިވެ އެވެ. އަދި އިންނެވީ ވެސް ފުރޮޅުލީ ގޮނޑިއެއްގަ އެވެ.

ރަސްގެފާނު އާލާސްކަންފުޅާ އުޅުއްވުން އާންމުވުމާ އެކު ވަލީ އަހުދު ކަމަށް 69 އަހަރުގެ މުގްރީން ވަނީ ހަމަޖައްސައިފަ އެވެ. އެއީ ސައޫދީގެ ބާނީ ކުރީގެ ރަސްގެފާނު އަބްދުލް އަޒީޒް އަލް ސައުދުގެ ދަރިކަލުންގެ ތެރެއިން މިހާރު ދުނިޔޭގައި ހުންނެވި އެންމެ ޒުވާން ބޭފުޅާ އެވެ. --އޭޕީ