ގައުމީ ޔުނިވާސިޓީ

އެމްޑީއެންގެ މައްސަލާގައި ވާހަކަދައްކާ ލެކްޗަރާއިންނަށް ފިޔަވަޅު އަޅަން އަންގައިފި

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯޓާއި ގުޅޭގޮތުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ އެއްވެސް ބޭފުޅަކު ސޯޝަލް މީޑިއާގައި ވާހަކަ ނުދެއްކުމަށާ އެކަން ކުރާނަމަ ހުއްޓުވުމަށް ސަރުކާރުން އަންގައިފި އެވެ.

ސަރުކާރުން މިގޮތަށް އަންގާފައިވާ ކަން ހާމަކޮށްފައިވަނީ އެމްއެންޔޫގެ ޗާންސެލާ ޑރ. ހަސަން ހަމީދު މިއަދު މުވައްޒިފުންނަށް ފޮނުވި އެންގުމެއް ގައެވެ.

އެ އެންގުމުގައި ބުނެފައިވަނީ "މޯލްޑިވްސް ޑިމޮކްރަސީ ނެޓްވާކް" ކިޔާ އަމިއްލަ ޖަމިއްޔާ އަކުން ނެރެފައިވާ ލިޔުމެއްގައި ހިމެނޭ ވާހަކަތަކަކާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި، އެމްއެންޔޫގެ ބައެއް ލެކްޗަރާ އިން، ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖްތަމައު ހަލަބޮލި ވެދާނޭ ފަދަ ގޮތްގޮތަށް ސޯޝަލް މީޑިއާގައި ތަފާތު އެކި ޚިޔާލު ފާޅުކުރަމުން ދާކަން ސަރުކާރުން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި އެ ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން، ސަރުކާރަށް ލިބެމުން ދާކަމަށެވެ.

"މި މުއައްސަސާގައި މަސައްކަތްކުރައްވާ މުދައްރިސުންނަކީ، މި ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު މުހިއްމު ދައުރެއް އަދާކުރައްވާ ބަޔަކަށްވީ އިރު، އެ ބޭފުޅުންގެ ފަރާތްޕުޅުން ބުނެވިދިޔަ ކަންތައްތައް ތަކުރާރުވަމުންދާ ނަމަ، އެއީ މުޖުތަމައަށް އޭގެ ނޭދެވޭ އަސަރު ނުހަނު ބޮޑަށް ކުރާނޭ ކަމަކަށް ވެއެވެ." ޑރ. ހަސަން ހަމީދުގެ އެންގެވުމުގައިވެއެވެ.

އަދި އެމްއެންޔޫގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު މުޖުތަމައިގައި ބައިބައިވުން އުފައްދައި، އެއްބަޔަކު އަނެއް ބަޔަކާމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް ސޯޝަލް މީޑިއާއާ އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވާސިޓީގައި އެދިފައިވާ ކަމަށް އެ އެންގުމުގައި ބުނެފައިވެއެވެ.

"ވީމާ ދަންނަވަމެވެ. ޔުނިވަރސިޓީގެ ހުރިހާ މުވައްޒަފުން ވެސް މުވައްޒަފުންގެ އަޚްލާޤީ ކޯޑްގައިވާ ހަމަތަކާއި ޤާނޫނުތަކާ އެއްގޮތަށް ޢަމަލުތައް ބެހެއްޓެވުމަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ." ރ. ހަސަން ހަމީދުގެ އެންގެވުމުގައިވެއެވެ.

އެމްއެންޔޫއިން އެތަނުގެ ލެކްޗަރާއިންނަށް މިފަދަ އެންގުމެއް އަންގާފައިމިވަނީ އިސްލާމްދީނާއި މާތް ﷲ ގެ ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަކޮށް މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ރިޕޯޓް ނެރުނު މައްސަލައާ ގުޅިގެން އެ ޖަމިއްޔާއަށް ފިޔަވަޅު އެޅުން އަވަސްކޮށް، އެ ޖަމިއްޔާ އުވާލުމަށް ދީނީ އިލްމުވެރިން އިއްޔެ ގޮވާލާފައިވަނިކޮށެވެ.

"އިލްމުވެރިންގެ ގުޅުން" މިނަމުގައި ރާއްޖޭގައި ތިބި މަޝްހޫރު ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ އަދަދެއްގެ އިލްމުވެރިން އިއްޔެ ޝީ ބިލްޑިންގައި ނޫސްވެރިންގެ ބައްދަލްވުމެއް ބާއްވާފައިވާއިރު، މި ބައްދަލްވުމުގައި އެމްއެންޔޫގައި ކިޔަވައިދެއްވާ ލެކްޗަރާއިންވެސް ހިމެނެއެވެ.