އެމްއޭސީއެލް

އެމްއޭސީއެލްގެ އިސް ދެ ވެރިޔަކު މަގާމުން ވަކިކޮށްފި

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އިސް ދެ ވެރިޔަކު މަގާމުން ވަކިކޮށްފި އެވެ.

މަގާމުން ވަކިކޮށްފައި ވަނީ އެމްއޭސީއެލްގެ ޑެޕިއުޓީ ޗީފް ފައިނޭޝިއަލް އޮފިސަރު ހާމިދު ރިޒާއާ ހެޑް އޮފް ކޮމާޝަލް ޖެނެރަލް މެނޭޖަރު މުޖްތަބާ ލަތީފެވެ.

އެ ދެ ބޭފުޅުން މަގާމުން ވަކިކޮށްފައި ވަނީ މީގެ 10 ދުވަސް ކުރިންނެވެ. ހާމިދާއި ރިޒާ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައިވާތާ ވެސް ދުވަސްތަކެއް ވެފައިވެ އެވެ. އަދި މަސްއޫލިއްޔަތުތަކުން އެކަހެރި ކުރި ފަހުން ރިޒާ އޮފީހަށް ވަޑައި ނުގަންނަވާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. މަގާމުން ވަކި ކުރި އިރު މުޖުތަބާ ހުންނެވީ ޗުއްޓީއެއް ނަންގަވައިގެނެވެ.

މިކަމާއި ގުޅިގެން އަވަސްއިން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފަށް ގުޅި އެވެ. އޭނާ ވިދާޅުވީ އެ މައުލޫމާތު ލިބި ވަޑައިގެންފައި ނެތް ކަމަށެވެ. އަދި ފަހުން އެކަމާ ގުޅޭ އެހެން މައުލޫމާތު ހޯދަން ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.

މި ސަރުކާރު އައިފަހުން އެމްއޭސީއެލްގެ އިސް މަގާމުތަކަށް ވަނީ ބަދަލުތައް ގެންނަމުންނެވެ. އަދި އެމްއޭސީއެލްގެ ހިންގުން ބަދަލު ކުރައްވާނެ ކަމަށް ރައީސް ސޯލިހު ވެސް ވަނީ ކުރީން ވިދާޅުވެފަ އެވެ.

ސަރުކާރަށް އަހަރު ދުވަސްވާން ކައިރިވެފައިވާއިރު އަދިވެސް އެ ކުންފުންޏަށް މެނޭޖިން ޑިރެކްޓަރަކު ނުލަ އެވެ. ކުންފުނި ހިންގަމުންދަނީ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހެވެ. އެންމެ ފަހުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރަށް ހުންނެވީ އާދިލް މޫސާ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ، އާ ސަރުކާރުން އޭނާ މަގާމުން އިސްތިއުފާ ދެއްވަން އަންގައިގެނެވެ.