އާސަންދަ

"މެރަނާ" ސްކީމްގެ ޚިދުމަތް ފަށައިފި

ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ބޭސްފަރުވާގެ ޚިދުމަތް ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ފަހިކޮށްދިނުމަށް ގާއިމުކޮށްފައިވާ "މެރަނާ" ސްކީމްގެ ޚިދުމަތް މިއަދު ފަށައިފި އެވެ.

"މެރަނާ" ސްކީމްގެ ޚިދުމަތް ސްރީލަންކާ، އިންޑިއާ އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ އެވެ.

އާސަންދަ ކުންފުނިން މިރޭ ބުނީ ކޮންމެ ބައިވެރިއަކަށް ޖުމްލަ ކަވަރޭޖް ގޮތުގައި އަހަރަކު 150،000 ރުފިޔާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އެނދުމަތި ނުކޮށް ހޯދާ ކޮންމެ ޚިދުމަތްތަކުގެ މިންވަރަކީ ޖުމްލަ ކަވަރޭޖްގެ ތެރެއިން އަހަރު 10،000 ރުފިޔާ ކަމަށާ އެނދުމަތިކޮށްގެން ދެވޭ ޚިދުމަތުގެ މިންވަރަކީ އެނދުމަތި ނުކޮށް ހޯދާ ކޮންމެ ޚިދުމަތްތަކުގެ ކަވަރޭޖް ހިމަނައިގެން ޖުމްލަ 150،000 ރުފިޔާ ކަމަށެވެ.

އާސަންދަ ކުންފުނިން ބުނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް މި ސްކީމްގެ ޚިދުމަތް ފެށިގެންދާއިރު "މެރަނާ" ސްކީމަށް ރަނގަޅު ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ. އެގޮތުން ބޭސްފަރުވާގެ ބިލްތަކުގެ ޖުމްލަ އަދަދުގެ ތެރެއިން ސްކީމުން ޚަރަދުކުރާ މިންވަރު 65 އިންސައްތަ އަށް އިތުރުކޮށްފައިވާ ކަމަށެވެ. އަދި އިންޑިއާއާ ސްރީލަންކާގައިވެސް އެ ބަދަލުތައް ގެންނާނެ ކަމަށް ވަނީ ބުނެފައެވެ.

އެ ކުންފުނިން ބުނީ މެލޭޝިއާގައި "ކޭޝްލެސް" ޙިދުމަތް ހަމަޖެހިފައި ނުވާ ކަމަށާ "މެރަނާ" ސްކީމްގައި ރަޖިސްޓްރީވެފައިވާ މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުން ޚިދުމަތް ލިބިގަތުމަށްފަހު ފޯމް ފުރިހަމަ ކުރުމަށްފަހު ޚިދުމަތް ހޯދި ބިލްތަކުގެ ކޮޕީއާއެކު ފޯމް ހުށައެޅުމުން ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން ފައިސާ ލިބިގެން ދާނެ ކަމަށެވެ.

އަދި މި ބަދަލާއެކު ސްކީމްގެ ތެރެއިން ކަވަރުކުރާ ޚިދުމަތްތަކުގެ އަގުގެ 65 އިންސައްތަ ބަލިމީހާއަށް ލިބޭނެ ކަމަށްވެސް އާސަންދަ ކުންފުނިން ބުނެއެވެ.

ސްރީލަންކާ އާއި އިންޑިއާ އަދި މެލޭޝިއާގައި އުޅޭ ދި ވެހި ރައްޔިތުންނަށް ސިއްހީ ހިދުމަތް ހޯދުމުގައި މާލީ ގޮތުން ލުޔެއް ހޯދައި ދިނުމަށް އާސަންދަ ކުންފުނި "މެރަނާ" ނަމުގައި ސްކީމެއް ތައާރަފުކޮށްފައިވަނީ އޭޕްރީލް މަހުގެ 11 ވަނަ ދުވަހުއެވެ. -- މެރަނާ އަކީ ދުޅަހެޔޮ، އަދި ސިއްހަތު ރަނގަޅު މި ދެ މާނައިގައި ބޭނުން ކުރާ ދިވެހި ނަމެކެވެ. -