ގާސިމް އިބްރާހިމް

އެމްޑީޕީ ޕްރައިވެޓް ލިމިޑެޓެކޭ ނުކިޔާނަން: ގާސިމް

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް އަމާޒުކޮށް އެއީ 'ޖޭޕީ ޕްރައިވެޓް ލިމިޑެޓް' ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވިޔަސް އެމްޑީއަށް ނިސްބަތްކޮށް މިހާރު އެއީ 'އެމްޑީޕީ ޕްރައިވެޓް ލިމިޓެޑޭ' ވިދާޅުނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ ކުނޫޒްގައި ރޭ އޮތް ޖަލްސާގައި ދެއްކެވި ވާހަކަފުޅުގަ އެވެ.

ގާސިމް ވިދާޅުވީ ކޮންމެ ސިޔާސީ ޕާޓީއަކުންވެސް މަސައްކަތް ކުރަނީ އެޕާޓީން ކަނޑައަޅާފައިވާ އަމާޒާ ހަމައަށް ދިއުމަށް ކަމަށެވެ. އެގޮތުން ކުރެވޭ މަސައްކަތުގައި އެއްބަޔަކު އަނެއް ބަޔަކަށް އަސާސެއްނެތި ފާޑުކިޔުމަކީ ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް އަމާޒުކޮށް އެއީ 'ޖޭޕީ ޕްރައިވެޓް ލިމިޑެޓް' ވިދާޅުވެ ކުރީގެ ރައީސް ނަޝީދު ފާޑުވިދާޅުވި ކަމަށާ ނަމަވެސް މިއަދު ނަޝީދުގެ އަމަލުތައް ހުރީ އެމްޑީޕީގެ އެންމެ އިސް މަގާމުގައި ދެމި ހުންނަން މަަސައްކަތް ކުރައްވާ މަންޒަރު ކަމަށެވެ.

"މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑާ ދިމާއަށް، އަޅުގަނޑުމެންގެ ޕާޓީއާ ދިމާއަށް 'ޖޭޕީ ޕްރައިވެޓް ލިމިޑެޓް' ކިޔައިގެން ވާހަކަ ދައްކަމުންދިޔަ، ހަމަ ޕާޓީއެއްގެ ރައީސް އެ ވާހަކަ ދައްކަވަމުންދިޔަ... އަޅުގަނޑު ދަންނަވާލަފާނަން. އާދެ.. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި 'ޖޭޕީ ޕްރައިވެޓް ލިމިޑެޓް'އޭ. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލީމަ އެމަނިކުފާނު ތިންވަނަ ހަތަރުވަނަ ދައުރަކަށްވެސް ކުރިމަތިލާން. އަޅުގަނޑު ދަންނަވާލަން ނޫޅެން އެމްޑީޕީ އެއީ 'އެމްޑީޕީ ޕްރައިވެޓް ލިމިޑެޓް'އޭ.. އަޅުގަނޑު ނޫޅެން އެއްގޮތަކަށްވެސް އެހެން ދަންނަވާކަށް."

ގާސިމް ވިދާޅުވީ އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އެވަގުތަކު ގައުމުގެ ރައީސަކަށް ހުންނަވާ ބޭފުޅަކީ އެމްޑީޕީގެ މެންބަރެއްނަމަ އެއީ ޕާޓީގެ ރައީސް ކަމަށެެވެ.

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަޅުގަނޑާ ދިމާއަށް، އަޅުގަނޑުމެންގެ ޕާޓީއާ ދިމާއަށް 'ޖޭޕީ ޕްރައިވެޓް ލިމިޑެޓް' ކިޔައިގެން ވާހަކަ ދައްކަމުންދިޔަ، ހަމަ ޕާޓީއެއްގެ ރައީސް އެ ވާހަކަ ދައްކަވަމުންދިޔަ... އަޅުގަނޑު ދަންނަވާލަފާނަން. އާދެ.. އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި 'ޖޭޕީ ޕްރައިވެޓް ލިމިޑެޓް'އޭ. އަޅުގަނޑުމެންނަށް މިއަދު މި ފެންނަނީ އެމްޑީޕީގެ ރައީސް ކަމަށް ކުރިމަތިލާން ހުޅުވާލީމަ މި ފެންނަނީ އެމަނިކުފާނު ތިންވަނަ ހަތަރުވަނަ ދައުރަކަށްވެސް ކުރިމަތިލާން. އަޅުގަނޑު ދަންނަވާލަން ނޫޅެން އެމްޑީޕީ އެއީ 'އެމްޑީޕީ ޕްރައިވެޓް ލިމިޑެޓް'އޭ.. އަޅުގަނޑު ނޫޅެއް އެއްގޮތަކަށްވެސް އެހެން ދަންނަވާކަށް
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ރައީސް

ގާސިމް ވިދާޅުވީ އެމަނިކުފާނު އެއްވެސް ބަޔަކާ ހަސަދަވެރިކަމެއް ނެތް ކަމަށާ ކޮންމެ ބަޔަކާއެކުވެސް "ކޮނޑަން އަތްލައިގެން" ތިބޭނެ ކަމަށެވެ.

އަދި ގަބޫލުކުރިޔަސް ނުކުރިޔަސް މަސްދާނީ ފެން އޮތްތާކަށް ކަމަށް ވިދާޅުވެ ޖޭޕީއަށް މެންބަރުން ގުޅެމުންދާ ގުޅުން ގާސިމް ދިފާއު ކުރެއްވި އެވެ.

"އޮޕްޗިއުނިޓީއެއް އޮތް ކަމަށް ފެންނަ ދިމާއަކަށް ދާނެ. އެ ދާ ދިއުމާ މެދުގައި އެއް ބަޔަކު 'ކުނި' ލައްގަނީއޭ، އަނެއް ބަޔަކު 'ރަސްކަލުން'ނޭ އަނެއް ބަޔަކު އަނެއްކައްޗެކޭ ކިޔައިގެން ވާހަކަ ދެއްކުމުގެ ޖާގައެއް ނޯންނާނެ އެކަކަށްވެސް.. ހަމަ އެއްވެސް ބަޔަކަށް ނޯންނާނެ. އެހެން އެކިޔަނީ ބަޔަކު ހިތްދަތިވާތީ. އެކަމު ބަޔަކު ހިތްދަތި ވިޔަސް ކީއްތޯ ކުރާނީ." ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ސިޔާސީ ގޮތުން ފާޑުކީ ނަމަވެސް މާދަމާވެސް ތިމާއަށް އެ ފާޑުކިޔުން ރައްދުވެދާނެ ކަމަށް ވިސްނަންޖެހެ އެވެ.

"އެއްވެސް މީހެއްގެ ގައިގައި ޖަހަން އުޅުނީމަ އަނެއް ދުވަހު އެ އެއްޗެއް އަންނަނީ އެމީހެއްގެ އަގަޔަށޭ. އެހެންވީމަ ރައްޔިތުންނަކީ އެހާ ބީތާވެގެން އުޅޭ ބައެއް ނޫނޭ"، ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ރޭވެސް ވިދާޅުވީ ޖޭޕީއަށްވުރެ ފަހި ފުރުސަތު ތަކެއް އޮތް ޕާޓީއެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި ސިޔާސީ ގޮތުން އެންމެ އަވަހަށް ކުރިއަށް ދެވޭނެ އެޕާޓީގެ މެންބަރުންނަށް ކަމަށް ވިދާޅުވި އެވެ.