ކުޅިވަރު

ގައުމީ ޓީމު ކޮމިޓީއަށް ބޮޑެތި ބާރުތަކެއް

މިދިޔަ މަހު އަލުން އެކުލަވައިލި ގައުމީ ޓީމު ކޮމިޓީއަށް އަނެއްކާވެސް ބަދަލު ގެނެސް، ކޮމިޓީގެ މަސައްކަތުގެ ދައުރު ފުޅާ ކޮށްފި އެވެ.

މިދިޔަ މަހު އަލުން އެކުލަވާލި ގައުމީ ޓީމު ކޮމިޓީގައި އޭރު ހިމެނުނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާއި އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދާއި ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފާއި ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އަދި ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މުސާ ނާޝިދެވެ.

ފުޓްބޯޅައިގެ ކޮމިޓީއަކަށް ވަޑައިގަތުމުން އެހެން އެސޯސިއޭޝަންތަކުގެ ކަންބޮޑުވުން ހުރި ކަމަށް ވިދާޅުވެ މަހްލޫފް ވަނީ ކޮމިޓީގެ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އަދި ކުރިން ކޮމިޓީގެ ޗެއާމަންގެ ގޮތުގައި ހުންނެވި ބައްސާމް ވެސް ވަނީ މި ހަފުތާގައި އެ ކޮމިޓީއިން ދުރައްޖެހި ވަޑައިގެން ކޮމިޓީގެ ޗެއާމަންޝިޕް އަލީ ވަހީދުއާ ހަވާލު ކޮށްފަ އެވެ.

ކޮމިޓީގެ މެންބާޝިޕް ރޭ އަނެއް ކާވެސް ވަނީ ބަދަލު ކޮށްފަ އެވެ. ރޭ ނެރުނު ބަޔާނެއްގައި ވާގޮތުން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މިހާރު މޫސާ ނާޝިދު ވެސް ހިމެނިފައެއް ނުވެ އެވެ. ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިން ބޭފުޅަކު އަލުން ވަނީ އައްޔަން ކޮށްފަ އެވެ. އެއީ އެފްއޭއެމްގެ ނައިބު ރައީސް އަހްމަދު ޝަކީބާއި އަދި 2017 ވަނަ އަހަރު ފުރަތަމަ ކޮމިޓީ އެކުލަވާލިއިރު ކޮމިޓީގެ ޗެއާމަންކަމުގެ މަގާމުގައި ހުރި އަލީ ނާޝިދު (އޮގަރު އައްޔަ) ގައުމީ އަންހެން ޓީމުގެ ކުރީގެ ކުޅުންތެރިޔާ މިރުފަތު އަހްމަދެވެ.

ކޮމިޓީ މިހާރު އެކުލަވާލާފައިވާ ގޮތް

  • ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު (ކޮމިޓީގެ ޗެއާމަން)
  • މުހައްމަދު ޝަވީދު (އޮލިމްޕިކް ކޮމިޓީގެ ޗެއާމަން)
  • އަހްމަދު ޝަކީބު (އެފްއޭއެމްގެ ނައިބު ރައީސް)
  • އަލީ ނާޝިދު (ގައުމީ ޓީމުގެ ކުރީގެ އެސިސްޓެންޓް ކޯޗް)
  • މިރުފަތު އަހްމަދު (ގައުމީ އަންހެން ޓީމުގެ ކުރީގެ ކުޅުންތެރިޔާ)

ސާފް ޗެމްޕިއަންޝިޕްގެ 18 އަހަރުން ދަށުގެ މުބާރާތުގައި، ރާއްޖޭގެ ޒުވާން ޓީމުން ހޯދި ކާމިޔާބު ފާހަގަ ކުރުމަށް މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޓީގެ ޗެއާމަން އަލީ ވަހީދު ވިދާޅުވީ އެފްއޭއެމް އާއެކު މިހާރު ކުރާ މަސައްކަތުން ލޯންގް ޓާމްގެ ޕްލޭނެއްގެ ގޮތުގައި ރާއްޖޭގެ ކުލަބުތައް މިހާރު ވެއްޓިފައިވާ ހާލަތުން ނެގުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި އެރޭ ވިދާޅުވީ ގައުމީ ޓީމު ކަމަށް ދެކެވަޑައިގަންނަވަނީ ވަރަށް ފުޅާކޮށް ކަމަށެވެ.

"ގައުމީ ޓީމަކީ އަޅުގަނޑުގެ މާނައިގައި ރާއްޖޭގެ ފަސް އަހަރުން ފެށިގެން ފުޓްބޯޅައިގެ އޭޖު ގުރޫޕަށް ވަންނަ ކުއްޖާއިން ފެށިގެން، އަދި އިންކުލޫޑިން ދަ ވެޓަރަސްރަން، ރިޓަޔާކޮށްފަ ތިބި މީހުން ފުޓްބޯޅަ އާއިލާއޭ މި ކިޔަނީ."

އަލީ ވަހީދު އެގޮތަށް ވާހަކަ ދެއްކެވިތާ ދެ ދުވަސް ނުވަނީސް އެފްއޭއެމުން ވަނީ ގައުމީ ޓީމު ކޮމިޓީގެ ދައުރު ފުޅާ ކޮށްފައިވާކަން ހާމަ ކޮށް ބަޔާން ނެރެފަ އެވެ. އެގޮތުން ނެޝަނަލް ޓީމު ކޮމިޓީގެ ދައުރަކީ ހުރިހާ ކެޓަގަރީއެއްގެ ގައުމީ ޓީމުތަކުގެ ޑިވްލަޕްމެންޓާ ގުޅޭ ހުރިހާ މަސައްކަތްތަކެއް ޝާމިލު ވުން ހިމެނޭ ކަމެއްގެ ގޮތުގައި އެފްއޭއެމުން ސިފަ ކޮށްފައި ވެއެވެ.

ފުޓްބޯޅައާ ގުޅުން ހުރި ހުރިހާ ކަމެއްގައި އެފްއޭއެމްގެ އެކްސްކޯއަށް ލަފާ ދިނުން ވެސް ކޮމިޓީގެ މަސްއޫލއިްޔަތުގެ ތެރޭގައި ހިމެނެ އެވެ. އަދި ކުލަބުތަކުގެ ޑިވެލޮޕްމެންޓާއި ގޭމްގެ އޮނިގަނޑު އެކުލަވާލުމަށް ފޯރުކޮށްދޭން ޖެހޭ ޓެކްނިކަލް ސަޕޯޓް ހިމެނެ އެވެ.

ފުޓްބޯޅައިގެ ގުޅުން ހުރި ކަންކަމުގައި ޓެކްނިކަލް ލަފާ ދިނުން ކޮމިޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައި ވީނަމަވެސް، ރާއްޖޭގެ އެންމެ ޓޮޕް ލެވަލް ފުޓްބޯޅައިގައި ހެޑް ކޯޗެއްގެ ގޮތުގައި އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިވާ އެއްވެސް ބޭފުޅަކު ކޮމިޓީގައި ހިމެނިފައެއް ނުވެ އެވެ.

އޮގަރު އައްޔަ ވަނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ޖޭޖޭ ސްޕޯޓްސް ކުލަބު ގެންގޮސްދީފަ އެވެ. އެހެންނަމަވެސް ރާއްޖޭ އެންމެ ޓޮޕް ޑިވިޝަންގައި ކޯޗެއްގެ ގޮތުގައި އެކަށީގެންވާ މަސައްކަތެއް އޭނާ ނުކުރެ އެވެ.